ޑޮލަރު ލިބުން ދަތިވެ، އެކަމުގެ އަސަރުތައް ރާއްޖޭގެ އިގުތިސާދަށް ކުރާ މިންވަރު މި އަހަރުގެ ތެރޭގައި ބޮޑުވެދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ސޯޔާ ވިދާޅުވީ ދުނިޔެއަށް މިހާރު ކުރިމަތިވަމުން އަންނަ ސީރިއަސް ރިސެޝަންގެ އަސަރުތައް ރާއްޖެއަށް ފޯރަން ފަށާނެ ކަމަށާއި އެކަމަށް ދުރާލައި ތައްޔާރުވާންޖެހޭ ކަމަށެވެ. އަދި މިހާރުވެސް ކާބޯތަކެއްޗާއި ތެލުގެ އަގުތައް ހަލުވިކަމާއެކު އުފުލި އިންފްލޭޝަންގެ އަސަރު މި ގައުމަށް ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ނުރައްކާތައް ސޯޔާ ސިފަކޮށްދެއްވީ މަޝްހޫރު ޓީވީ ސީރީޒް "ގޭމް އޮފް ތްރޯންސް" ގައި ބުނާ "ވިންޓާ އިޒް ކަމިންގް" އިންޒާރު ބޭނުންކުރައްވަމުންނެވެ.
"ޓީވީ ޝޯ ގޭމް އޮފް ތްރޯންސް ބެލި ފަރާތްތަކަށް ހަނދާން ހުންނާނެ އެންމެ ގިނައިން އެ ސީރީޒްގައި ތަކުރާރުކޮށް ބުނާ އެއް ވާހަކައަކީ ވިންޓާ އިޒް ކަމިން [ފިނި މޫސުން އެބަ އާދޭ] އޭ. އެންމެހާ ބޭފުޅުން، އެ ފިނި މޫސުން ރާއްޖެއަށް އަތުވެދާނެ ކަމަށް ބަލައި ބީއެމްއެލުން މި އަންނަނީ އެކަމަށް ތައްޔާރުވަމުން. އަޅުގަނޑުމެން ގައުމީ ފެންވަރެއްގައި މިކަމަށް ތައްޔާރުވާން ޖެހޭ،" ސޯޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރު އެމެރިކާގެ މަރުކަޒީ ބޭންކުން އަޅަން ފެށި ފިޔަވަޅުތަކާއެކު ދުނިޔޭގެ ޑޮލަރުގެ ބާޒާރުން ޓްރިލިއަނެއްހާ ޑޮލަރު މަދުވެފައިވާ ކަމަށާއި އެކަން އަދިވެސް ކުރިއަށް ދާނެ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި މާލީ ދާއިރާއަށް އިތުރު ވާދަވެރިންތަކެއް އައުމުގެ ސަބަބުން ޑޮލަރަށް އޮންނަ ޑިމާންޑު ބޮޑުވެ، ޑޮލަރުގެ ތާށިކަން ރާއްޖޭގައި ބޮޑުވާނެ ކަމުގެ އިންޒާރު ސޯޔާ ދެއްވިއެވެ.
ސޯޔާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ޑޮލަރުގެ ހާލަތު ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ އެެވެ. އަދި ދިގު މުއްދަތުގައި ޑޮލަރުގެ މާކެޓް ރާއްޖޭގައި ހަމަޔަކަށް އަޅުވަންވެސް އުނދަގޫވާނެއެވެ.
"ހަގީގަތަކީ ރުފިޔާގެ އަގު ޑޮލަރާއި ބަނދެވިފައިވާކަން، އަދި ޓޫރިސްޓުން އަނބުރާ އަންނަން ފެށިނަމަވެސް ޑޮލަރުގެ ޕޮޒިޝަން ނާޒުކުކަން،" ސޯޔާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މަނީ ލޯންޑަރިންއާ ދެކޮޅަށް ބައިނަލްއަގުވާމީ މިންގަނޑު ކަމަށްވާ ފައިނޭންޝަލް އެކްޝަން ޓާސްކްފޯސް (އެފްއޭޓީއެފް) މިހާރު މުރާޖައާ ކުރަމުން އަންނަ ކަމަށެވެ. އަދި ޑޮލަރުގެ ތާށިކަން ބޮޑުވެއްޖެ ނަމަ އެފްއޭޓީއެފްގައި ރާއްޖޭގެ ދަރަޖަ މިއަހަރު ފަހަތަށް ދާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ އިގުތިސާދު ރަނގަޅުވަމުން އައި ނަަމަވެސް ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ އަަސަރުތަކާއި ބޭރު ދަރަނީގެ ސަބަބުން ރާއްޖެ އަށް އޮތް ނުރައްކަލުގެ ވާހަކަ މިދިޔަ މަހު ވޯލްޑް ބޭންކުން ނެރުނު މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް ގައި ވެސް ވަނީ ބުނެފައެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު އެއް އިންވަސްޓްމަންޓް ބޭންކު ކަމަށްވާ ޖޭޕީ މޯގަން އިން ލަފާކޮށްފައިވާ ގޮތުގައި 2023ގެ ނިޔަލަށް ރިޒާވް ހުސްވެ ދަރަނި ނުދެއްކި ސޮވަރިން ޑީފޯލްޓް ވުމުގެ ނުރައްކާ އެންމެ ބޮޑަށް އޮތް އަށް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެެވެ.
ނަމަވެސް ޖޭޕީ މޯގަންގެ ރިޕޯޓު ދޮގުކުރައްވައި ރާއްޖެއިން ދައްކަންޖެހޭ ދަރަނިތައް ދެއްކޭނެ ކަމަށާއި ރާއްޖެ ބަނގުރޫޓް ނުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.