މިއަހަރުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ އޭޓީއެމް ބަހައްޓާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވެއްޖެއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން ޓިމް ވިދާޅުވީ މި އަހަރު އިތުރު 20 އޭޓީއެމް ބަހައްޓަން ނިންމާފައިވާ ކަމަށާއި އޭގެތެރެއިން ދެ އޭޓީއެމް ބަހައްޓަން ނިންމާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކަމަށެވެ. ނަމަވެސް އެ އޭޓީއެމްތައް ބަހައްޓާނެ ސީދާ ތާރީހެއް އޭނާ ވިދާޅެއް ނުވެއެވެ.

ސޯޔާ ވިދާޅުވީ ބީއެމްއެލުން ކަސްޓަމަރުންނަށް ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަކީ އާ ކަމެއް ނޫން ކަމަށާއި ކޮވިޑް-19 އާ ކުރިމަތިވުމުންވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ފުޅާކުރުމަށް ބޭންކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން މިހާރުވެސް ރާއްޖޭގެ ހުރިހާ ހިސާބަކުން ބޭންކުގެ ހިދުމަތްތައް ހޯދުމަށް މަގުފަހިކޮށް، ބެކްއެންޑް އޮޕަރޭޝަންތައް ޑިޖިޓައިޒް ކުރުމާއި ރިސޯސަސް އިތުރުކުރުމާއި ބިޒްނަސް ކޮންޓިއުނިޓީގެ މަސައްކަތްތައް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި ބޭންކުގެ ކަސްޓަމާ ސާވޭތަކުން ދައްކާ ގޮތުން ބޭންކުގެ މިސްރާބު ހުރީ ކާމިޔާބީއާ ދިމާލަށް ކަމަށް އޭނާ ވިދާޅުވިއެވެ.