އިނގިރޭސި ފުޓުބޯޅައިގެ އެންމެ އަގުހުރި އެއް މެޗު، ޗެމްޕިއަންޝިޕްގެ ޕްލޭ އޮފް ފައިނަލުގައި ހަޑަލްސްފީލްޑްގެ މައްޗަށް ހަނި މޮޅެއް ހޯދައިގެން ނޮޓިންހަމް ފޮރެސްޓް އަނެއްކާވެސް ޕްރިމިއާ ލީގުން ޖާގަ ހޯދައިފިއެވެ.

އިނގިރޭސި ލީގު ފޯމެޓް އޮންނަ ގޮތުން ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވާ ތިންވަނަ ޓީމު ހޮވަނީ ޕްލޭ އޮފް މެޗުތަކަކުންނެވެ. އެ މެޗުތަކުގައި ހަތަރު ޓީމަކުން ވާދަކުރެއެވެ. އެއީ ލީގުގެ ތިންވަނައިން ފެށިގެން ހަވަނައާ ހަމައަށް ހިމެނޭ ޓީމުތަކުންނެވެ. ވެމްބްލީގައި ކުޅޭ ޕްލޭ އޮފް ފައިނަލަށް ދަނީ ޓީމުތަކުން ދެ ލެގުގެ ސެމީއެއް ކުޅުމަށްފަހުއެވެ.

މިފަހަރު ޕްލޭ އޮފްގެ ފުރަތަމަ ސެމީ މެޗު ހަޑަލްސް ފީލްޑުން ލުޓޮން ކައިރީ ކާމިޔާބުކުރީ އެގްރިގޭޓް 2-1 ގެ ނަތީޖާއަކުންނެވެ. ނޮޓިންހަމްއިން ފައިނަލަށް ދިޔައީ ދެ ލެގު ނިމުނު އިރު 3-3 އިން އެއްވަރުވެފައި އޮތުމުން ޕެނަލްޓީގައި ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފައެވެ.

އިނގިރޭސި ފުޓުބޯޅައިގެ ތާރީހުގައި މުހިއްމު ކާމިޔާބީތަކެއް ހޯދާފައިވާ ނޮޓިންހަމް މިރޭގެ ފައިނަލް މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. 23 އަހަރަށްފަހު އެޓީމުން އަނބުރާ ޕްރިމިއާ ލީގަށް ދިޔައީ ލެވީ ކޮލްވިލް އަތުން ބައިކޮޅަށް ވަން ގޯލަކާއެކުގައެވެ.

މެޗުން މޮޅުވުމާއެކު އެ މޮޅަކީ ނޮޓިންހަމްއަށް ގާތްގަނޑަކަށް 170 މިލިއަން ޕައުންޑުގެ މޮޅެކެވެ. އެ މެޗު އަގުބޮޑުވެގެން ދަނީ އިނާމު ފައިސާއަށްވުރެ ބޮޑަށް ބެލުންތެރިން ގިނަވުމާއެކުގައެވެ. އެ މެޗަކީ އިނގިރޭސި ފުޓުބޯޅައިގައި ކޮންމެ އަހަރަކުވެސް ކުޅޭ އެންމެ ގިނަ ބަޔަކު ބަލާ އެއް މެޗެވެ.

ނިމިދިޔަ ސީޒަން ނޮޓިންހަމްއިން ފެށީ ގޯސްކޮށެވެ. އެއީ އެންމެ ފުރަތަމަ ކުޅުނު ހަތް މެޗުން އެޓީމަށް ވަނީ ހަ ބައްޔާ ކުރިމަތިލާން ޖެހިފއެވެ. އެހެން ނަމަވެސް އެ ހާލަތު އަނބުރާލައި، ނޮޓިންހަމްއިން ވަނީ 1999 ވަނަ އަހަރަށްފަހު އަލުން ޕްރިމިއާ ލީގަށް ގޮސްފައެވެ.

ނޮޓިންހަމްއަކީ އިނގިރޭސި ފުޓުބޯޅައިގައި ބޮޑު ތާރީހެއް އޮތް ކްލަބެކެވެ. އެޓީމުން ވަނީ 1977-1978 ވަނަ އަހަރުގެ ސީޒަންގައި އެއިރުގެ އެއްވަނަ ޑިވިޝަނުގެ ތަށި ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން ދެފަހަރަށް އެފްއޭ ކަޕްވެސް ނޮޓިންހަމްއިން ކާމިޔާބު ކޮށްފައިވާ އިރު، ޔޫރަޕްގެ އެންމެ މަތީ މުބާރާތް، ޔޫއެފާ ކަޕްވެސް ނޮޓިންހަމްއިން ދެފަހަރަށް ކާމިޔާބު ކުރިއެވެ. މިހާރުގެ ޗެމްޕިއަންސް ލީގު ނޮޓިންހަމްއިން ކާމިޔާބުކުރީ ޖެހިޖެހިގެން އައި ދެ ސީޒަނެއްގައެވެ. އެއީ 1978-1979 ވަނަ އަހަރުގެ ސީޒަނާއި 1979-1980 ވަނަ އަހަރުގެ ސީޒަނުގައެވެ.