މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އަލަށް ގެންނަ ބަލްކް ކެރިއާ، ޖުމްލަ 41،500 ޓަނުގެ މުދަލާއެކީ ރާއްޖެ އައުމުގެ ދަތުރު މިއަދު ފަށައިފިއެވެ.
"އެމްއެސްއެސް ކްރޯމް" ގެ ނަމުން ނަންދީފައިވާ މި ބޯޓަކީ 43,000 ޓަނުގެ ބަލްކު ކެރިއާއެކެވެ. މި ބޯޓަކީ ރާއްޖޭގެ ޝިޕިން ތާރީހުގައި ގައުމީ ޝިޕިން ލައިނަކުން ގަނެގެން ގެންނަ އެންމެ ބޮޑު ބޯޓެވެ.
އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން އަބްދުﷲ ސައީދު މިއަދު "ވަން" އަށް ވިދާޅުވީ އެމްއެސްއެސް ކްރޯމް، ޔޫއޭއީގެ ފުޖޭރާ ސިޓީ އިން މުދާ ބަރުކޮށްގެން ރާއްޖެ އައުމަށް މިއަދު ދަތުރު ފަށާފައިވާ ކަމަށެވެ. އަދި ބޯޓު ރާއްޖެ އާދެވޭނެ ކަމަށް ލަފާކުރަނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ކަމަށް ސައީދު ވިދާޅުވިއެވެ
ސައީދު ވިދާޅުވީ ބޯޓުގައި ޖުމްލަ 41،500 ޓަނުގެ މުދާ ބަރުކޮށްފައި ހުރި ކަމަށާއި އެ މުދަލަކީ މުޅިންވެސް ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ މުދާ ކަމަށެވެ.
އެ ބޯޓުގެ ދަތުރުތައް ފެށުމުން އިމާރާތް ކުރުމަށް ބޭނުންވާ ސިމެންތި އަދި ހިލަވެލި ފަދަ ތަކެތި ގަނޑުކޮށް ގެނެސް, ހުސް ނުވެ ލިބޭނެ މަގު ފަހިވެގެން ދާނެ ކަމަށާއި އެތަކެތި ލިބޭ ހުރިހާ ގައުމަކަށް ބޯޓު ދަތުރުކޮށް ތަކެތި ގެންނާނެ ކަމަށް ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ސިންގަޕޫރުގެ ކޮސްކޯ ޝިޕިން ކުންފުނިން ގަނެގެން ގެންނަ އެ ބޯޓުގެ ކުރޫންގެ ގޮތުގައި 22 މީހުން މަސައްކަތްކުރާ އިރު, އޭގެ ތެރެއިން ހަތަރު މީހުން ފިޔަވައި ދެން ހިމެނެނީ ހުސް ދިވެހިންނެވެ.