ޚަބަރު

ޑަބްލިއުޑީސީގައި ފިރިހެނުން ހިމެނުމަށް ރައީސްގެ ހިޔާލެއް

އަލީ ޔާމިން

އއ. އުކުޅަހުން އަލީ ޔާމީން (ވަން އޮންލައިން)

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި ކޮންމެވެސް ވަރަކަށް ފިރިހެނުން ބައިވެރިކުރުމަކީ މަޝްވަރާކުރުން ރަނގަޅު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

މެދުރާއްޖެތެރޭގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު އުކުޅަހުގައި ބޭއްވި ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މިއަދު އޮތީ ޑަބްލިއުޑީސީތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. އެ ސެޝަންގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބޭނުމަކީ އަންހެނުންނާއި ފިރިހެނުންނަށް އޮންނަ ފުރުސަތުތައް ހަމަހަމަކުރުމަށް މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން އެ ކޮމިޓީގައި ފިރިހެނުންގެ ބައިވެރިވުން އޮތުން މުހިންމު ކަމަށް ވިދާޅުވެ އޭނާ ވަނީ ހިޔާލު ހުށަހަޅުއްވައިފައެވެ.

މިނިސްޓަރުގެ ހިޔާލަށް ތާއީދުކުރައްވައި ރައީސް ވިދާޅުވީ، އަވަށު އޮފީސްތަކުގެ އަންހެނުންގެ ކޮމިޓީގައި މީގެ ކުރިންވެސް ފިރިހެނުންގެ ބައިވެރިވުން އޮތް ކަމަށާއި އެހެންކަމުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި ފިރިހެނުން ބައިވެރިކުރުމަކީ މަޝްވަރާ ކުރުން ރަނގަޅު ކަމެއް ކަމަށެވެ.

"އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި ކޮންމެވެސް ވަރަކަށް ފިރިހެނުންގެ ބައިވެރިވުން އޮތުން އެއީ ފައިދާ ހުރި ގޮތަކަށް ވެދާނެތޯ އަޅުގަނޑުމެން މަޝްވަރާ ކޮށްލަން ހަމަ ރަނގަޅު ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގައި ފިރިހެނުން ބައިވެރިކުރުމާމެދު މަޝްވަރާކޮށް އެއީ ރަނގަޅު ކަމެއް ކަމަށް ފެނިއްޖެ ނަމަ، ގާނޫނަށް ބަދަލުގެނެވިދާނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮންމެ ރަށެއްގެ އަދި ސިޓީއެއްގެ ކައުންސިލާއެކުގައި އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރުމަށް، އެ ރަށުގެ ނުވަތަ އެ ސިޓީގެ އަންހެނުންގެ ތެރެއިން އެ ރަށެއްގެ ރައްޔިތުން އިންތިހާބުކުރާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެއް އޮންނަންވާނެއެވެ.