އެޑްވަޓޯރިއަލް

އެޗްޑީސީގެ "އޯޕަން އެކްސެސް ނެޓްވޯކް": ހުޅުމާލެއަށް އިތުރު ފުރިހަމަކަމެއް

އޯޕަން އެކްސެސް ނެޓްވޯކަކީ އިންޓަނެޓު އަދި ޓީވީ ފަދަ ހިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމަށް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރެވެމުން އަންނަ ޒަމާނީ މޮޑެލްއެކެވެ. އެޗްޑީސީން މިހާރު ހުޅުމާލޭގައި ގާއިމުކޮށްފައިވާ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއްގެ މައިގަނޑު ވިއުގައެވެ.

މީގެ ޒަރީއާއިން އިންޓަނެޓް އަދި ޓީވީގެ ހިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކަށް އެއް ވިއުގައަކުން އަވަސްކަމާއެކު ހިދުމަތް ފޯރުކޮށްދެވެއެވެ. އަދި ވަކިވަކި ނެޓްވޯކުތައް ނާޅައި އެއް ވިއުގައެއް ހިއްސާކުރުމުން ޚިދުމަތް ދިނުމަށްދާ ޚަރަދުވެސް ކުޑަވެގެންދެއެވެ. މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދިރާގު، އުރީދޫ، މީޑިއާނެޓު، އަދި އާރްއޯއެލްގެ ހިދުމަތްތައް މި ވިއުގަ މެދުވެރިކޮށް ވަނީ ފޯރުކޮށްދޭން ފަށައިފައެވެ. އަދި އޯޕަން އެކްސެސް ނެޓްވޯކްއާއެކު މަގުތައް ކޮނުން މަދުކުރެވި، ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކުން އެއް ނެޓްވޯކެއްގައި ގިނަ ބަޔަކަށް އެއްފަހަރާ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދެއެވެ.

މީގެއިތުރުން، ކުރިމަގުގައި މީގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތަކާއި ލުއިފަސޭހަތަށް ލިބިގެންދާނެއެވެ. މިގޮތުން އަންނަ ބޮޑު ބަދަލާއެކު ވޭސްޓް މެނޭޖްމަންޓް، ސެކުއިރިޓީ، ސްމާޓް ޕާކިން، ރިމޯޓް އެމްޕްލޯއިމެންޓް ފަދަ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް މި ނެޓްވޯކްގެ ދަށުން މަގުފަހިވެގެންދާނެއެވެ.

އޯޕަން އެކްސެސް ނެޓްވޯކްގެ މޮޑެލްއަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދައިފައިވާ ނެޓްވޯކްއަކަށް ވަނީ ވެފައެވެ. އަދި އެޗްޑީސީން އިސްނަގައިގެން މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުކޮށްދިނުމަށެވެ.