ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ފްލެޓްތަކަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓު ދީގެން ނަމަވެސް އަންނަ ޖުލައި މަހު އެ ފްލެޓްތަކަށް މީހުން ވަދެވޭވަރު ކުރާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވިއެވެ.
"ވަން" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ ހިޔާ މަޝްރޫއުގެ ތެރޭގައި ހިމަނައި ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން އިމާރާތްކުރި ފްލެޓްތަކަށް ކަރަންޓު ދިނުން ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި އެޗްޑީސީން އެ ފްލެޓްތަކަށް ކަރަންޓު ދިނުން ލަސްވާތީ ޝަރީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށްޓަކައި އެޗްޑީސީން ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްފައިވަނީ ޗައިނާ ކުންފުންޏެއް ކަމަށްވާ ބްރައުންސް-ސީއެމްއީސީއަށެވެ. މި ކޮންޓްރެކްޓުގެ ދަށުން ސްޓެލްކޯގެ ދައުރަކީ ޗައިނާ ކުންފުންޏަށް ބޭނުންވާ ޓެކްނިކަލް ކޮންސަލްޓެންސީ ދިނުމެވެ.
އެޗްޑީސީން މިދިޔަ ހަފުތާގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ ކަރަންޓު ފޯރުކޮށް ދިނުމަށް އެކޯޕަރޭޝަނުން ކުރިއަށް ގެންދާ މަޝްރޫއުގައި ހުރި ދަތިތަކާ ހެދި ސަރުކާރު ކުންފުނިތަކަށް ކަރަންޓު ދިނުމުގެ އަމަލީ މަސައްކަތް ލަސްވެފައިވީ ނަމަވެސް، އެ ފްލެޓުތަކަށް ސެފްޓެމްބަރު މަހު ކަރަންޓު ދެވޭނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ ސްޓެލްކޯގެ އަމާޒަކީ އަންނަ ޖުލައި މަހު ފްލެޓްތަކަށް މުވައްޒަފުން ވަދެވޭ ވަރު ކުރުން ކަމަށާއި ނަމަވެސް އެޗްޑީސީން އެ އިމާރާތަށް ކަރަންޓު ދިނުން ލަސްވުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށް އެކަމުން ގެއްލުންވާ ކަމެއް ކަމަށެވެ. އަދި ސްޓެލްކޯގެ އަމިއްލަ ހަރަދުގައި އެ އިމާރާތަށް ކަރަންޓުލުމަށް އެޗްޑީސީއަށް ހުށަހަޅަން ވިސްނަމުން ގެންދަވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"މިއީ ވަރަށް ބޮޑު ޗެލެންޖެއް. އަލުގަނޑުމެން އިމާރާތް ނިންމައިފިން. އިމާރާތް ނިންމައިގެން އަދި އަޅުގަނޑުމެންގެ މީހުންނަށް ނުވަދެވޭ. ނުވަދެވެނީ އެޗްޑީސީގެ ޕްލޭންތަކުގައި ހުރި ބައެއް ކަންތައްތަކުގެ ސަބަބުން. އެހެންވީމަ އެ މަޝްވަރާތަކަށް އެޗްޑީސީއާއެކު ސީރިއަސް މީޓިން ތަކެއް އަޅުގަނޑުމެން ބާއްވާނަން" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ވިސްނުމަކީ އެ އިމާރާތަށް އެ ކުންފުނީގެ މުވައްޒަފުން ވަނުމުގެ ކުރިން ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް ނިންމުން ކަމަށާއި ބޭނުންވަނީ އިމާރާތަށް ވަނުމަށް ފަހުގައި އެތަނުގައި އަމާންކަމާއި އޮމާންކަމާ އެކީ ސްޓާފުންނަށް ދިރިއުޅެން ފެށޭވަރު ކޮށްދިނުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވިސްނައިގެން ތިބީ ޖުލައި މަހު ދިރިއުޅެން ފަށަން. މީގެ މަޖާކަމަކީ އަޅުގަނޑުމެންނަކީ ކަރަންޓް ހިދުމަތް ދޭ ތަނެއް. އެކަމަކު އަޅުގަނޑުމެންގެ އިމާރަތަށް ކަރަންޓު ނުދެވި އަޅުގަނޑުމެންނަށް އެތަނަށް ނުވަދެވި މި ތިބެންޖެހެނީ،" ޝަރީފް ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުން ލަސްވި މައިގަނޑު އެއް ސަބަބަކީ ވެސް ކަރަންޓް ނެޓްވޯކްގެ ޑިޒައިނިން ކަންކަން ޗައިނާގެ ކޮންޓްރެކްޓަރަށް ނުނިންމި ލަސްވުމެވެ.