ރާއްޖޭގައި ވަގުފު، ޒަކާތް އަދި ހަލާލު ސެޓެފިކެޓް ދޫކުރުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި ތުރުކީގެ އެހީތެރިކަން ހޯދުމާގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

މިކަމާގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި ތުރުކީވިލާތުގެ ޕްރެޒިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ ރައީސް ޕްރޮފެސަރު ޑރ. އަލީ އަރްބާސްއާ އެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. މި ބައްދަލުވުން އޮތީ ތުރުކީވިލާތުގެ ޕްރެޒިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ މައި މަރުކަޒުގައެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ދެ މުއައްސަސާ ގުޅިގެން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމުގެ އިތުރުން ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތްގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި މިބައްދަލުވުމުގައި ޕްރޮފެސަރު ޑރ. އަރްބާސް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ައލީއާ ބައްދަލުވެވަޑައިގެންނެވުމަކީ ލިބުނު ވަރަށްބޮޑު އުފަލެއްކަމަށާއި ދެމުއައްސަސާ ގުޅިގެން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް އައްބާސް ވިދާޅުވިކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމުގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ޑރ. އަލީ އަރްބާސް އަށް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ދައުވަތު ދެއްވައިފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ އާއި، އިސްލާމީ މަރުކަޒުގެ އިމާމު ޝައިހު ނަސްރުﷲ އަލީއާއި ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަބްދުލް އަޒީޒް އިސްމާއިލް ބައިވެރިވެ ވަޑައިގެންނެވިއެވެ.