މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންހެނުންނަށް ހާއްސަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ހުޅުވާލައިފިއެވެ.

އެމްޕީއެލުން މިދިޔަ ހުކުރު ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޔޫތު މިނިސްޓްރީއާ ގުޅިގެން ހިންގާ އެ އެޕްރެންޓިސްޝިޕް ޕްރޮގްރާމު މެދުވެރިކޮށް މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ކަނބަލުންނަށް ހުޅުވާލާ ކަމަށެވެ. އެގޮތުން ހަ ދާއިރާއަކުން ތަމްރީނުވުމަށް 12 ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ވެލްޑިން ކުރުމާއި ވަޑާންކުރުމާއި މެރިން މެކޭނިކް ނުވަތަ މެރިން އިންޖިނިއަރިންއާއި ވެހިކަލް ރިޕެއާ މެކޭނިކުގެ ދާއިރާއާއި އެއާ ކޮންޑިޝަނިން އެންޑް ރެފްރިޖަރޭޝަންގެ ދާއިރާގެ އިތުރުން ހެވީ ވެހިކަލް އޮޕަރޭޓު ކުރުމުގެ ދާއިރާއެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ސިޓީއާއި އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެ ކުންފުނީގެ ޕޯޓުގައިވެސް މަސައްކަތްކޮށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު އަންހެނުންނަށް ހުޅުވާލައިފައެވެ. އެގޮތުން ކޮންމެ ރަށަކުން ހަތަރު ދާއިރާއަކުން ހަ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެއީ ހެވީ ވެހިކަލް އޮޕަރޭޓް ކުރުމާއި މެރިން މެކޭނިކުގެ ދާއިރާއާއި މެކޭނިކަލް އިންޖިނިއަރިން އަދި ވިންޗްމަންގެ ދާއިރާއެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ހިންގާ އެ ޕްރޮގުރާމަށް ހޮވޭ މީހުންނަށް ޕްރޮގްރާމްގެ މުއްދަތުގައި މަހަކު 5000 ރުފިޔާގެ އެލެވެންސެއް ލިބޭ އިރު، އެ ކުންފުނިން ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި ޕްރޮގުރާމުގައި ގުރޭޑް އަށެއް ނިންމާފައިވާ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ އަންހެނުންނަށް ބައިވެރިވެވޭނެއެވެ. ނަމަވެސް ބައެއް ޕްރޮގުރާމުގައި ޖީސީއީ އޯލެވެލް އިމްތިހާނުގެ ތިން މާއްދާ ނުވަތަ ދެ މާއްދާއިން ފާސްވާންޖެހެއެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް ކުޅުދުއްފުއްޓާއި އައްޑޫ ސިޓީން ހޮވޭ މީހުން، ފުރަތަމަ ތިން މަސް ދުވަހު މަސައްކަތް ކުރަންޖެހޭނީ މާލޭ ސަރަހައްދުގައި އެމްޕީއެލުން ކަނޑައަޅާ ތަނެއްގައެވެ. އަދި މާލޭގައި ހުންނަ ތިން މަސް ދުވަހު ކޮންމެ މަހަކު 6000 ރުފިޔާގެ ލިވިން އެލެވެންސެއް ދޭނެއެވެ. އޭގެ އިތުރުން މާލެ އައުމަށާއި އެނބުރި ޕްރޮގްރާމް ކުރިއަށް ގެންދާ ރަށަށް ދިއުމަށް އެއާލައިން ދެކޮޅު ޓިކެޓްވެސް ދޭނެއެވެ.

އެކަމަށް ޝައުގުވެރިވާ މީހުން http://lnnk.in/dug1 ލިންކް މެދުވެރިކޮށް އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަންޖެހެއެވެ.