ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ އެކި ސަރަހައްދުތަކުގައި ޑަސްބިންތަކެއް ބެހެއްޓުމުގެ މަޝްރޫއެއް ފަށައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގެ ސާފުތާހިރުކަމާއި ތިމާވެށީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އަދި ޑަސްބިން ތަކަކީ ހުޅުމާލޭގައި ސާފުތާހިރު ވެއްޓެއް ގާއިމުކޮށް، ޕްލާސްޓިކް މަދުކުރުމުގެ މަގްސަދުގައި ބަހައްޓާ ޑަސްބިން ތަކެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 345 ޑަސްބިން ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 41 ޑަސްބިން ބަހައްޓާއިރު ދެވަނަ ފިޔަވަހީގައި 108 ޑަސްބިން އަދި ތިންވަނަ ފިޔަވަހީގައި 196 ޑަސްބިން ބަހައްޓަން އެޗްޑީސީން ވަނީ ނިންމައިފައެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާ މި ޑަސްބިންތައް ފަރުމާ ކޮށްފައިވަނީ ރީސައިކަލް ކުރެވޭނެ ކުނިތައް ވަކިން އެޅޭނެ ގޮތަށް ކަމަށް އެޗްޑީސީން ބުންޏެވެ.