ޚަބަރު

ނުރައްކާތެރި ނުވަ ގޭންގް ހިމެނޭހެން މާލޭގައި 44 ގޭންގް، މާރާމާރީ ހިންގަން ފަޅުރަށްތަކުގައި ފަރިތަކުރޭ!

އަލީ ޔާމިން

އއ. އުކުޅަހުން އަލީ ޔާމީން (ވަން އޮންލައިން)

މާލޭގައި 44 ގޭންގެއް ހަރަކާތްތެރިވާ ކަމަށާއި އެ ގޭންގްތަކުގައި 2،600 ވުރެ ގިނަ މީހުން އުޅެމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މެދުރާއްޖެ ތެރޭގެ ކައުންސިލްތަކުގެ ރައީސުންނަށް ހާއްސަކޮށްގެން އުކުޅަހުގައި ކުރިއަށްގެންދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން ދެއްކި ޕްރެޒެންޓޭޝަނެއްގައިވާ ގޮތުން 1990ގެ އަހަރުތަކުން ފެށިގެން މިހާތަނަށް މާލޭގައި 44 ގޭންގެއްގައި 2,600 މީހުން އުޅެމުންދާކަން ފާހަގަކުރެވިފައިވެއެވެ.

އޭގެ ތެރެއިން ދިހަ ގޭންގެއް އާއްމުކޮށް ހަރަކާތްތެރިވެ އުޅޭ އިރު، ވަރަށް ހަރަކާތްތެރި ނުވަ ގޭންގެއް ހިމެނެއެވެ. ފުލުހުން ބުނި ގޮތުގައި އެ ގޭންގްތަކުގައި 1,300 މީހުން އުޅެމުންދެއެވެ. އޭގެ ތެރޭގައި 60 ކުޑަކުދިން ހިމެނެއެވެ.

މެދުރާއްޖެ އާއި އުތުރުގެ އަތޮޅުތަކުގައި ގޭންގްތައް ހަރަކާތްތެރިވެ ނޫޅޭ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ކުދި ކުށްތަކަށް އަރައި ގަންނަ ގްރޫޕްތައް އުޅޭކަން ފާހަގަކުރިއެވެ. ފުލުހުން ބުނިގޮތުގައި ބޮޑެތި ކުށްތަކަށް އަރައި ގަންނަ ގޭންގުތައް އޮތީ މާލޭ އަދި ދެކުނުގެ އަތޮޅުތަކުގައެވެ.

ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަރީފް ވިދާޅުވީ، މެދުރާއްޖެ ތެރޭ ރަށްރަކުގައި ގޭންގުތައް ނެތް ނަމަވެސް, މި ސަރަހައްދުގެ ރަށްތަކަށް ނިސްބަތްވާ މީހުން ގޭންގުތަކުގެ އިސް ސަފުގައި ހަރަކާތްތެރިވެއެވެ. އެގޮތުން މެދުރާއްޖެތެރެއަށް ނިސްބަތްވާ 197 މީހަކު ގޭންގުތަކުގައި އުޅޭއިރު, ހަ މީހަކު އިސް ސަފުގައި އުޅެއެވެ. އަދި ތިން ކުޑަކުދިން ވެސް އުޅެއެވެ.

"އެހެންކަމުން، އެފަރާތްތަކާ ގުޅިގެން، އެމީހުންނާ ނުވަތަ އާއިލީ އެހެންވެސް ބަޔަކު މެދުރާއްޖެ ތެރެޔަށް ގޭންގްތައް ފުޅާކުރުމުގެ ފުރުސަތު އެބައޮތް." އަރީފް ވިދާޅުވިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި, ގޭންގްތައް މާރާމާރީ ހިންގުމަށް މިހާރު ބޭނުންކުރަނީ ހަށިގަނޑުގައި ފޮރުވައިގެން ގެންގުޅެވޭ ފަަދަ ތޫނު ވަޅިފަދަ ތަކެއްޗެވެ. އަދި މާރާމާރީ ހިންގުމަށް ގޭންގްތަކުން ފަޅުރަށްތަކުގައި ފަރިތަކުރާ ކަންވެސް ފާހަގަކުރިއެވެ.

ގޭންގްތައް މަސްތުވާތަކެތީގެ ވިޔަފާރީގެ ކުރީގައި، ފުލުހުންނަށް ރެކެން އެއްގަލަކަށް އަރާ

ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަރީފް ވިދާޅުވި ގޮތުގައި ނުރައްކާތެރި މާރާމާރީތައް މިހާރުވަނީ ވަރަށް ބޮޑުތަން މަދުކުރެވިފައެވެ. އަދި ވިދާޅުވީ ދެ ގްރޫޕެއްގެ ދެމެދުގައި މައްސަލައެއް ޖެހުނު ނަމަވެސް މިހާރު އިސްކުރަނީ މަޝްވަރާގެ މަގެވެ. އެއީ އެމީހުންގެ ވިޔަފާރިތަކަށް ފުލުހުންގެ ފަރާތުން އައިސްދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށް ކަމަށް އަރީފް ވިދާޅުވިއެވެ.

"މި މީހުން (ގޭންގް ތަކުން) މަސްތުވާތަކެތީގެ ވިޔަފާރި މިކުރަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައިވެސް ކުރާ ގޮތަށް ވަރަށް ބޮޑަށް ދައުލަތުގެ އެކިއެކި ގުނަންތަކުގެ ތެރެއަށް ނުފޫޒާއި ބާރު ފޯރުވައިގެން. ސިޔާސީ މީހުންނާ އޮންނަ ގުޅުންތައްވެސް ބަދަހިކުރަން މަސައްކަތް ކުރޭ" އަރީފް ވިދާޅުވިއެވެ.

އަރީފް ވިދާޅުވި ގޮތުގައި ކޯޓުތަކަށް ނުފޫޒު ފޯރުވަން ގޭންގްތަކުން މަސައްކަތް ކުރެއެވެ. ހާއްސަކޮށް ވަކީލުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދޭކަމަށް ވިދާޅުވިއެވެ.

ގޭންގްތައް ފުޅާވަމުންދާ އިރު، ގޭންގްތައް މާލޭގައި ހަރަކާތްތެރިވަނީ ޓެރެޓަރީތައް ހަދައިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި 15 އަހަރުން ދަށުގެ ގިނަ ކުޑަކުދިން ގޭންގްތަކަށް ރެކްރޫޓް ކުރާތީ ފުލުހުންގެ ކަންބޮޑުވުން އެކަމުގައި އިންތިހާއަށް އެބައޮތެވެ. އެއީ ގާނޫނީ ގޮތުން އެކުދިންނަށް އެޅޭނެ ފިޔަވަޅެއް ނެތުމުންނެވެ.