ކައުންސިލްތަކަށް ދައްކަންޖެހޭ ފައިސާ މޯބައިލް ޕޮއިންޓް އޮފް ސޭލް (އެމްޕީއޯއެސް) މެދުވެރިކޮށް ބަލައިގަނެވެވޭނެ ގޮތް ހަދައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާއެއްގައި ބުނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ކުރިއަރުވައި، ރާއްޖޭގެ އިގުތިސާދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން، ލޯކަލް ކައުންސިލްތަކުން ބަލައިގަންނަ ފައިސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެމްޕީއޯއެސް މެދުވެރިކޮށް ބަލައިގަނެވެވޭނެ ކަމަށެވެ.
ސާކިއުލާއެއްގައި ބުނީ ލޯކަލް ކައުންސިލްތަކުން ބަލައިގަންނަ ފައިސާ އެމްޕީއޯއެސް މެދުވެރިކޮށް ބަނޑޭރި ޕޭ އިން ބަލައިގަނެ ދުވަހުން ދުވަހަށް ކައުންސިލްތަކުގެ ބޭންކު އެކައުންޓުތަކަށް ޖަމާކުރުމަށް ފިނޭންސް މިނިސްޓްރީގެ އިތުރު ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށެވެ.
އޭގެ ބަދަލުގައި ކައުންސިލުން ޒިންމާވާނެ މީހަކު ހަމަޖެއްސުމަށްފަހު ފުރިހަމަކުރަން ޖެހޭ ފޯމު ހުށަހެޅުމުން، ސީދާ ބީއެމްއެލްގައި އެދިގެން އެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ. އަދި ކައުންސިލުގެ ފަރާތުން އެމްޕީއޯއެސް ހިދުމަތާ ގުޅޭ ކަންކަމުގެ ޒިންމާ އުފުލާނީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ނޫނީ އޭނާގެ މަސްއޫލިއްޔަތު އެވަގުތު ހަވާލުވެފައިވާ ފަރާތަކުން ކަމަށްވެސް ސާކިއުލާގައި ވެއެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކައުންސިލްތަކަށް ހިދުމަތަށް އެދެވޭނެ ކަމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު