އއ. އުކުޅަހުން، އަލީ ޔާމީން (ވަން އޮންލައިން)

ލާމަރުކަޒީ ނިޒާމު ކަސިޔާރުވާން ފުރުސަތެއް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އުކުޅަހުގައި މިއަދު ފެށި "ވިއަވަތި ރާއްޖެ ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ސޯލިހު ވިދާޅުވީ، ފެންނަމުން އަންނަނީ ލާމަރުކަޒީ ނިޒާމު ފައްކާވަމުން އަންނަ މަންޒަރު ކަމަށެވެ. އަދި އެ ނިޒާމުގައި ހުރި ދަތިތައް ހައްލުވަމުން، އެ ނިޒާމު ފުރިހަމަވަމުން އަންނަ މަންޒަރު ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ތަރައްގީ ގުޅިފައިވަނީ ލާމަރުކަޒީ ނިޒާމާ ކަމަށާއި ލާމަރުކަޒީ ނިޒާމު ކުރިއަރުވަން އެ މަނިކުފާނު ހުންނެވީ، ރައްޔިތުންނާއެކުގައި ކަމަށެވެ.

"އަޅުގަނޑު މިހުރީ ލާމަރުކަޒީ ސަމުގާއިން ރާއްޖެކުރާ ދަތުރު މިއޮތް ފައްސިޔަލުގައި ދުއްވުމަށް. އިރާދަކުރެއްވިއްޔާ އެސަމުގާއިން ފަޅި ދަރަޖައެއްގެ މިންވަރު ވިޔަސް ކަސިޔާރު ވިޔަކަ އަޅުގަނޑު ނުދޭނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތައް ގާއިމް ކުރަން މިސަރުކާރުން ވައުދުވީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް ރަށްތައް ތަރައްގީކުރުމަށް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ތަރައްގީވަމުން އަންނަ ކަމަށާއި އެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.