އއ. އުކުޅަހުން އަލީ ޔާމީން (ވަން އޮންލައިން)
މިއަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 13 ޕަސަންޓް ކުރިއަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މެދު ރާއްޖެތެރޭގެ ކައުންސިލަރުންނަށް އަމާޒުކޮށްގެން އުކުޅަހުގައި މިއަދު ފެށި "ވިއަވަތި ކޮންފަރެންސް" ގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑާ ގުޅިގެން ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށަށް ދިޔަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 33.5 ޕަސަންޓް ދަށަށް ދިޔަ ކަމަށާއި ދައުލަތުގެ އާމްދަނީ 50 ޕަސަންޓް ދަށަށް ދިޔަ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކޮވިޑަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ލަފާކުރީ 2021 ވަނަ އަހަރު 37 ޕަސަންޓް ކުރިއަރާނެ ކަމަށް. މިއަހަރު 13 ޕަސަންޓް ރާއްޖޭގެ އިގުތިސޯދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ. 2023 ވަނަ އަހަރު 9.7 ޕަސަންޓް ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން މިއަހަރު، 13 ޕަސަންޓް ކުރިއަށްދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާ އިރު، ކޮވިޑުގެ ބަލިމަޑުކަމަށްފަހު އޭޝިއާ ގައުމުތަކުގެ ތެރެއިން ތިން ވަނައަށް އެންމެ ކުރިއަރާނީ ރާއްޖޭގެ އިގުތިސޯދު ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފިއެވެ.
ވޯލްޑް ބޭންކުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑަށްފަހު އޭޝިއާ ގައުމުތަކުގެ ތެރެއިން އެންމެ ބާރަށް ކުރިއަރާނީ ޗައިނާ، އިންޑިއާ އަދި ރާއްޖޭގެ އިގުތިސޯދު ކަމަށެވެ. އެގޮތުން މިއަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ 7.6 ޕަސެންޓަށް އަދި އަންނަ އަހަރު 10.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު