އއ. އުކުޅަހުން، އަލީ ޔާމީން (ވަން އޮންލައިން)
174 ބައިވެރިންނާއެކު މިއަހަރުގެ "ވިއަވަތި ރާއްޖެ ކޮންފަރެންސް" މިއަދު ފަށައިފިއެވެ.
އުކުޅަހުގައި މިއަދު "ވިއަވަތި ކޮންފަރެންސް" ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
"ވިއަވަތި ކޮންފަރެންސް"އަކީ ރައީސް ސޯލިހުގެ އިސްނެންގެވުމުގެ މަތީން ފެށި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސް ސޯލިހު ފައްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރުމެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ކައުންސިލުތަކަށް ލިބިދިނުމަށް، ގާނޫނަށް ގެނައި އިސްލާހުތަކަށް ކައުންސިލްތައް އަހުލުވެރިކުރުމެވެ.
މީގެ އިތުރުން އިދާރީ ގޮތުންނާއި މާލީ ގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ތަންފީޒުކުރުމުގެ ކަންކަން ކުރިއަށްދާގޮތް ގާތުން ބެލުމާއި ކައުންސިލްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރައީސް އާއި ކަމާބެހޭ ވަޒީރުންނާއެކު މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދައިދިނުމަކީވެސް މި ކޮންފަރެންސްގެ ބޭނުމެކެވެ.
މިއަހަރުގެ ވިއަވަތި ކޮންފަރެންސް ކުރިއަށްގެންދަން ހަމަޖައްސާފައިވަނީ ތިން ސަރަހައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ބައިވެރިވާގޮތަށެވެ.
މިރަށުގައި މިހާރު ކުރިއަށްދާ ކޮންފަރެންސަކީ މެދުރާއްޖެތެރޭގެ ރަށްތަކަށް (ބ،ޅ،ކ،އ،ވ،ފ) ހާއްސަ ކޮންފަރެންސެވެ.
މި ކޮންފަރެންސް ކުރިއަށްދާނީ މިއަދާއި މާދަމާއެވެ.
އެންމެ ފަހުން ވިއަފަރި ކޮންފަރެންސް ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. ކޮވިޑާ ގުޅިގެން މިދިޔަ ދެ އަހަރު އެ ކޮންފަރެންސް ބާއްވައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު