ރިޕޯޓް

މަތިވެރީގެ ޒުވާން ވިޔަފާރިވެރިޔާ: "އިރުބެ އެކެޑަމީ" ކޮލެޖަކަށް ވުމުގެ އުއްމީދުގައި

މަރިޔަމް ޝަފާ އިބްރާހިމް

1

"މިއީ ދިރިއުޅުމުގެ ވަގުތުތަކުގައި މީހަކު ބޭނުން ހިފާނެ ފުރުސަތުތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ފުރުސަތު. އެއީ އީކޮމާސް ވިޔަސް ނުވަތަ އޮންލައިން އެކަޑަމީއަކަށް ވިޔަސް ތިމާ އިހުތިޔާރުކުރާ އަމިއްލަ ވިޔަފާރިއަށް މަގުފަހިކޮށްދޭނެ ކަމަކަށް މިކަން ވާތީ. މިހާރު 9000 އާއި 5000 އާއި ދެމެދުގެ ވަޒީފާއެއް ދޫކޮށްލާފައި ހަމައެކަނި އަމިއްލަ ވިޔަފާރިއަށް ބަރޯސާވެގެން ދިރިއުޅެވިދާނެކަމުގެ ޔަގީންކަން ލިބިއްޖެ. "އިރުބެ އެކަޑެމީ" ގެ ކޯސްތަކުން އިރުފާން ކޮށްދެއްވާ މަސައްކަތަށް ފަށްފަށުން ޝުކުރިއްޔާ!"

"އިރުބެ އެކަޑަމީ އިންހިންގަމުން އަންނަ ކޮންމެ ކޯހަކީވެސް ނުހަނު ބޭނުންތެރި ކޯސްތަކެއް. އެގޮތުން ގޭގައި ތިބެގެން ޗައިނާގެ ބާޒާރުން ވިޔަފާރި ކޮށްލެވޭނެ މަގު ފަހިވެ ވިޔަފާރި ކުރިއަށް ގެންދަންވީ އެންމެހައި ހަރުފަތްތައް ދަސްވުމަކީ ބޮޑު ފަސޭހައެއް، ވަރަށް ގިނަބަޔަކަށް ވަރަށް މަންފާ ވާނެކަމެއް. މިއީ ވަރަށް ބޭނުންތެރި ކްލާސްތަކެއް ކަން ފާހަގަ ކުރަން. އިރުބެ އެކަޑަމީގެ މެނޭޖްމަންޓަށް ޝުކުރިއްޔާ."

މިއީ އއ. މަތިވެރިއަށް އުފަން، 28 އަހަރުގެ އިރުފާން އަލީގެ، "އިރުބެ އެކެޑެމީ"އާ ބެހޭ ގޮތުން އެކިއެކި ފަރާތްތަކުން ދީފައިވާ ތައުރީފުގެ ބަސްތަކެވެ. މިބަސްތަކުން އިރުފާން އޭނާގެ "އިރުބެ އެކެޑެމީ"ގެ ކަންތައްތަކުގައި، ކަމަށް ކަމޭހިތާ ވަރާއި، އޭނާގެ ގާބިލުކަން ބޭނުންކޮށްގެން؛ މަސައްކަތްތެރި، އުފެއްދުންތެރި ދިވެހި ދަރިންތަކެއް ބިނާ ކުރުމަށް ކުރާ މަސައްކަތް ވަރަށްވެސް ރަނގަޅަށް ހާމަވެގެންދެއެވެ. މިގޮތުގެމަތިން އިރުފާންގެ "އިރުބެ އެކަޑަމީ"އިން އެތައް ބައިވަރު ކޯސްތަކެއް ކުރިއަށް ގެންދާއިރު، މިހާރު ނިމިފައިވާ ކޯސްތަކުން ފާސް ނަގައިގެން، ތަފާތު އެކިދާއިރާތަކުގައި ވިޔަފާރީގެ ރޮނގުން ކުރިއަށްދާ ޒުވާނުން ގައުމުގެ އެކި ހިސާބުތަކުގައި އަންނަނީ ފެތުރެމުންނެވެ. ހަތަރުހާހާ ގާތްކުރާ ކޮމިއުނިޓީއެއް އޮންނަ "އިރުބެ އެކެޑަމީ"ގެ ވައިބާ ގްރޫޕުންވެސް މިކަން ދޭހަވެގެން ދެއެވެ.

އިރުފާން ނުވަތަ އިރުބެ އަކީ މިއަދު ވިޔަފާރީގެ ދުނިޔޭގައި މަޑުމަޑުން އަލިގަދަ ވަމުން އަންނަ އަދި އަރިއަތޮޅުގެ ވިޔަފާރި އުދަރެހުގައި ގަދަފަދައަށް ވިދައިބަބުޅަމުން އަންނަ އެންމެ ޒުވާން އެއް ވިޔަފާރިވެެރިޔާއެވެ. ތަފާތު އެތައް ވިޔަފާރިއެއް އަމިއްލަ ބެލެހެއްޓުމުގެ ދަށުން، އަމިއްލަ ނަމުގެ ދަށުން ހިންގާ، އއ.މަތިވެރީގެ އެންމެ ކުޅަދާނަ އަދި އެންމެ ޒުވާން އެއް ވިޔަފާރިވެރިޔަކީ އިރުބެއެވެ.

ވިޔަފާރީގެ ދިރިއުޅުމަށް ބަލައިލާއިރު، އިރުފާނުގެ ނަން އޮތީ "އިރުބެ އެކެޑަމީ" އާ ހަމައިން ނިމޭ ގޮތަށް ނޫނީ އެހިސާބުން ހުއްޓޭ ގޮތަކަށް ނޫނެވެ. އިރުބެގެ ނަން ދިވެހިރާއްޖެއިން ބޭރު ޗައިނާގެ ވިޔަފާރި މަޖައްލާތަކާ ހަމައަށް ވަނީ ދަތުރުކޮށްފައެެވެ. މިގޮތުން ޗައިނާގެ ސިޓީ ޔިވޫގައި ތިބޭ ބިދޭސީންނަށް މައުލޫމާތު ދިނުމަށް އެސިޓީގެ ހާއްސަ މަޖައްލާއެއްގައި "އިރުބެ އެކެޑަމީ"ގެ އިޝްތިހާރުތައްވާކަން ފާހަގަކޮށްލެވެއެވެ. ޗައިނާގެ ޔިވޫގެ "މަސްޓް" ނަމަކަށް ކިޔާ މިވިޔަފާރިމަޖައްލާއިން އިރުބެގެ ވިޔަފާރީގެ، ކޯސްތަކުގެ މައުލޫމާތުތައް ލިބޭނެއެވެ.

އިރުބެގެ ތައުލީމީ ހަޔާތަށް ބަލައިލާއިރު އިރުބެ ވަނީ ޗައިނާގައި ސޮފްޓްވެއާ އިންޖިނިއަރިން އިން ބެޗްލަރސް ހަދައިފައެވެ. މެލޭޝިއާ ޔުނިވަރސިޓީ އެއްކަމަށްވާ އޭޕީޔޫ (އޭޝިއާ ޕެސިފިކް ޔުނިވަރސިޓީ) އިން މާސްޓަރސް އިން ސޮފްޓްވެއަރ އިންޖިނިއަރިންގ ވަނީ ހާސިލުކޮށްފައެވެ. ތައުލީމާއި ހުނަރު، އަދި ތިމާގެ ގައިގައި ހުރި އިލްމާއި ހިލްމުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އިރުބެ ކުރަން ފެށި މަސައްކަތަކީ އެހުނަރުވެރިކަމާއި އެ އިލްމާއި ހިލްމު އަނެކުންނަށް ފޯރުކޮށްދިނުމެވެ. ތިމާއަށް ލިބިފައިވާ އިލްމަކީ އަނެކުންގެ އަމާނާތެއް ކަމަށްވާއިރު، އަމާނާތް ފޯރުކޮށް ދިނުމަށް މިޒަމާނުގައި އޮތް އެންމެ ފަސޭހަ އަދި އެންމެ ބޭނުންތެރި ގޮތުގެ މަތިން، އޮންލައިންކޮށް އެކިކަހަލަ ކަންތައްތައް ކުރިއެރުވުމުގެ މަސައްކަތްވެސް އިރުބެ ފެށީއެވެ.

އިރުބެގެ މައި ކުންފުންޏަކީ "އުޑުވިލާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް" ކަމަށްވާއިރު ތިރީގައި މިހިމަނައިލަނީ މިމައި ކުންފުނީގެ ދަށުން ހިންގާ ކުދި ވިޔަފާރިތަކެވެ.

  • 1. ވަކަންޒާ މަތިވެރީ (އަމިއްލަ ގެސްޓްހައުސް)
  • 2. އިރުބެ އެކްސްޕްރެސް (ބައިނަލްއަޤްވާމީ ވިޔަފާރިއާއެކު އޮންލައިން އީކޮމާސް)
  • 3. އިރުބެ ސޮފްޓްވެއަރ (ޑިޖިޓަލް ކްރިއޭޓިވް އެޖެންސީ)
  • 4. އިރުބެ ކްރިސްޓަލް (ޓްރެވަލް އެންޑް ޓުއާ އެޖެންސީ)
  • 5. ހެއިވާ ވޯޓަރސްޕޯޓްސް (ޖެޓްސްކީއާއެކު އަމިއްލަ ވޯޓަރސްޕޯޓްސް)
  • 6. ޗިލް ހަޓް (ޒަމާނީ ކޮފީ ޝޮޕް)
  • 7. އިރުފާން ބިލްޑަރސް (ކުޑަ ކޮންސްޓްރަކްޝަން ކުންފުނި)
  • 8. އިރުބެ އެކަޑަމީ (އޮންލައިން އިންސްޓިޓިއުޓް)
"އޮންލައިން ޕްލެޓްފޯމަކީ އަޅުގަނޑުގެ މާކެޓިން އަށް މޮޅު ތަނެއް."
އިރުފާން އަލީ، އިރުބެ

އިރުބެއަކީ، އއ.މަތިވެރިއަށް އުފަން އަލީ ވަހީދާއި އެރަށު ސުރޫފާ އާދަމްއަށް ލިބުނު ނުވަ ކުދިންގެ ތެރެއިން ފަސްވަނަ ދަރިފުޅެވެ. އިރުބެގެ ދޮށްޓަށް ދެ ބޭބެއަކާއި ދެ ދައްތަ ތިބިއިރު، ހަގަށް އަންހެން ކޮއްކޮއަކާއި ދެ ފިރިހެންކޮއްކޮ އެބަތިއްބެވެ. އިރުބެއަކީ ޒަވާޖީ ހަޔާތެއް ފަށައިގެން، އަނތްބަކާއެކު، ވަރަށްވެސް ލޯބިވާ އާއިލާއެއް ބިނާކުރަމުން އަންނަ، ދެކުދިންގެ ޒިންމާދާރު ބައްޕައެއްވެސް މެއެވެ.

2017 ވަނަ އަހަރު މިވިޔަފާރީގެ ތެރެއަށް ނުކުމެ، ވިޔަފާރީގެ އެކިކަންތައް ކުރަން ފެށި ނަމަވެސް ރަސްމީ ގޮތެއްގައި، "އިރުބެ އެކެޑަމީ" ފަށާފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޮންލައިން ކޯސްތައް ފަށަން އިރުބެ ގަސްދު ކުރީ ހަމައެކަނި އާމްދަނީއެއް ހޯދުމުގެ މަގުސަދުގައެއް ނޫނެވެ. އެންމެ މުހިންމު އެއްްސަބަބަކީ އިރުބެގެ އަމިއްލަ ވިޔަފާރިއަށް، ކަނޑައެޅޭ ވަކި ތައުލީމީ ކެންޑިޑޭޓުން ހޯދުމަކީ ނުހަނު ދަތިކަމަކަށްވުމެވެ. ހަމައެހެންމެ އިރުބެއަކީ އުނގަންނައިދިނުމުގެ މާހިރެކެވެ. އެއްޗެއް ކިތަންމެ މޮޅަށް އެނގޭމީހަކަށްވެސް އަނެކާއަށް އެއްްޗެއް ބުނެދޭން ނޭނގިދާނެއެވެ. އެނގުމާއި އުނގަންނައިދިނުމާ މިއީ މުޅިން ދެކަމެކެވެ. މިމޭރުމުން ބަލާއިރު އިރުބެއަކީ އެންމެ ފުރިހަމަ އެދުރެކެވެ.

މިހުރިހާ ސަބަބަކަށްވުރެ ހާއްސަ ސަބަބެއްްކަމަށް ފާހަގަ ކުރެވުނީ އިރުބެ ބުނި އެންމެ ފަހު ސަބަބެވެ. "އޮންލައިން ޕްލެޓްފޯމަކީ އަޅުގަނޑު މާކެޓިން އަށް މޮޅު ތަނެއް." އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ހުނަރުވެރިކަމާއި ގާބިލުކަން އިރުބެއަށް ވަރަށްވެސް ފުރިހަމައަށް ލިބިފައިވާކަމުގެ އެއްވެސް ޝައްކެއް ނެތެވެ.

"އިރުބެ އެކެޑަމީ"ގެ މުސްތަގުބަލުގެ އެންމެ ބޮޑު އުއްމީދަކީ، އިރުބެގެ ބޮޑު ހުވަފެނަކީ މިއެކެޑަމީ ބައިނަލްއަގުވާމީ ފެންވަރުގެ ކޮލެޖަކަށް ވެގެންދިއުމެވެ. 'ޑްރީމްޓާގެޓް'ގެ ގޮތުގައި އެހެން ގައުމުތަކުގައި އޮންލައިން ކޯސްތަކަށް ކިޔަވައިދިނުމުގެ މިކުލަރީތި ހުވަފެން ސީދާ ކުރުމަށް އިރުބެ އަންނަނީ މަސައްކަތްވެސް ކުރަމުންނެވެ.

އިރުބެގެ ފަރާތުން މުޅި މުޖުތަމައަށްވެސް ދޭން ބޭނުންވާ ނަސޭހަތަކީ ހަމައެކަނި ސެޓްފިކެޓަކަށް އަމާޒުކޮށްގެން ބައިވެރިވުމަށްވުރެ، އެއްޗެއް އުނގެނިގަނެ، ދެނެގަނެ އޭގެ ބޭނުން ހިފައިގެން ތިމާ ކުރިއަރައިގެން ދިއުމުގެ މަގުސަދުގައި ކޯސްތަކުގައި ބައިވެރިވާށެވެ.

އިރުބެގެ އެންމެ ހާއްސަ ޝުކުރެއް އޮތީ އަނބިމީހާ ރިޝްފާ އަބްދުއްރަޝީދަށެވެ. އަދި ޓީޗަރުންގެ ކޯޑިނޭޓަރު އައިޝަތު ޝަފާއަށްވެސް ވަރަށް ހާއްސަ ޝުކުރެއް އިރުބެ ދިނެވެ. ހަމަ އެހެންމެ އިރުބެގެ "އިރުބެ އެކެޑަމީ"ގެ އަސްލު ފެށުން އައި ގޮތް ކަމަށްވާ، މިއީ ކުރެވިދާނެ ކާމިޔާބުވެދާނެ ކަމެއްކަން ޔަގީންކޮށްދިން، 5 އަހަރަށް ވުރެ ގިނަ ދުވަހު އޮންލައިން އިންސްޓިޓިއުޓް ހިންގަމުން އަންނަ އިރުބެގެ ގާތް ރަހުމަތްތެރިޔާ "މަތިވެރީ އުނގެނުމުގެ މަރުކަޒު"ގެ ވެރިފަރާތް، ހަސަން ރަޝީދު އަށް، އިރުބެ ދިނީ ވަރަށް ހާއްސަ ޝުކުރެކެވެ.

އިރުބެއަކީ ގައުމު ފަހުރުވެރިވާފަދަ ޒުވާނެކެވެ. އަތޮޅުތެރޭގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅު، އަދި އެކަށީގެންވާ އިލްމު ލިބޭކަށް ނެތޭ، މާލެސިޓީގެ ދިރިއުޅުމުގައި އޮތް އެއްވެސް ފަސޭހައެއް އަތޮޅު ތެރެއިން ލިބެން ނެތޭ ބުނެ ޝަކުވާ ކުރާ ފަރާތްތަކަށް މިއީ ފެންނަން ހުރި ނަމޫނާ މިސާލެކެވެ. ޔަގީނުންވެސް އިރުބެއަށް ކުރެވުނު ފަދައިން އެހެންމީހުންނަށްވެސް ކަންކަން ކުރެވޭނެއެވެ. ކޮންމެ ކަމަކަށްވެސް ބޭނުންވަނީ ކަނޑައެޅޭ އަމާޒަކާއި ބަލިނުވާނެ ފަދަ ވަރުގަދަ، ގަދަފަދަ އަޒުމަކާއި ފަސްނުޖެހި ކުރިއަށްދާނެ ވަރުގެ ހިތްވަރަކާއި ހިންމަތާއި މިންނެތް މަސައްކަތެވެ. ކާމިޔާބު ހިނިތުންވަމުން ހަޔާތަށް އަލިކުރާނެކަން ޔަގީނެވެ.

"ވަން"އިން އެދެނީ އިރުބެއާއި އިރުބެގެ އާއިލާއަށް ފާގަތި، އުފާވެރި މުސްތަގުބަލެއް ލިބުމާއެކު، "އިރުބެ އެކެޑަމީ"އާ މެދު ދެކޭ ހުވަފެން ސީދާ ވެގެންދާތަން ފެނިގެންދިއުމެވެ.