ދުނިޔޭގައި މިވަގުތު ހުރި އިސްކޮޅުން އެންމެ ކުރު ޓީންއޭޖް ފިރިހެންކުއްޖަކީ ނޭޕާލުގެ ޑޯރް ބަހާދުރު ޚަޕާންގީ ކަމުގައި ރަސްމީގޮތުން ކަނޑައެޅިއްޖެއެވެ. އުމުރުން 17 އަހަރުވީ މިޒުވާނާގެ އިސްކޮޅަކީ ދެފޫޓު 4.9 އިންޗިއެވެ.
މިޒުވާނާގެ ހަށިގަނޑުގައި މިންއަޅައި ރަސްމީކޮށް އިސްކޮޅު ދެނެގަތުން އޮތީ މިދިޔަ މާރޗް މަހު ތޭވީސްވަނަ ދުވަހު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައެވެ. އޭނާއަށް މިހަފުތާގައި ގިނަސް ވޯލްޑް ރިކޯޑް ސެޓްފިކެޓްވެސް ވަނީ ދީފައެވެ.
ޑޯރް ބަހާދުރު ޚަޕާންޖީ އުފަންވެފައިވަނީ 14 ނޮވެމްބަރު 2004 ގައެވެ. އެ އާއިލާގައި އޭނާ ފިޔަވައި އެހެން އެންމެންނަށް އެވަރެޖް އިސްކޮޅެއް ލިބިގެންވެއެވެ. ދުނިޔޭގެ އިސްކޮޅުން އެންމެ ކުރު ފިރިހެން ޒުވާނާގެ ރިކޯޑު ލިބި މިކަމުގެ ސެޓްފިކެޓް އޭނާއާ ހަވާލުކޮށްދެއްވީ ނޭޕާލުގެ ޓޫރިޒަމް ބޯޑުގެ ސީއީއޯ ދަނަންޖޭ ރެގްމީއެވެ.
ޑޯރް ބަހާދުރަކީ ކެމެރާ ކުރިމަތީގައި ވަރަށް ލަދުރަކި ކުއްޖަކަށްވާތީ އޭނާގެ ބަދަލުގައި މީޑިއާއަށް މައުލޫމާތު ދިނީ އޭނާގެ ބޭބެ ނާރާ ބަހާދުރެވެ. ބޭބެ ބުނެފައިވަނީ ކޮންމެ ކަހަލަ ރިކޯޑަކަށްވިޔަސް ދުނިޔޭގެ ރިކޯޑެއް ކޮއްކޮއަށް ލިބުނީމާ މުޅި އާއިލާވެސް އޮތީ ނުހަނު އުފަލުން ކަމުގައެވެ. ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަލިބުނީމާ ތައުލީމް ހާސިލް ކުރުމަށް ފަންޑު ލިބޭނޭ ކަމަށް އުއްމީދުކުރާ ކަމަށްވެސް ޑޯރް ބަހާދުރުގެ ފަރާތުން އޭނާގެ ބޭބެ ބުންޏެވެ.