މިދިޔަ އަންގާރަ ދުވަހު ދިއްލީގައި ބޭއްވި އެލްޖީ ބްރޭންޑްގެ ހަފުލާއެއްގައި، އެފަދަ ހަފުލާތަކުން މަދުން ނޫނީ ނުފެންނަ ޝާހްރުކް ޚާން ފެނިގެންދިޔައެވެ.
ބާބާ ސިއްދީގުގެ ޕާޓީގައި އީދު ފާހަގަކުރުމަށްފަހު، ޝާހު ފުރަތަމަ ފަހަރަށް ފެނިގެންދިޔައީ އެ ހަފުލާއިންނެވެ. އެ ހަފުލާއަށް ހާޒިރުވި މީހުންނާ ވާހަކަދައްކަމުން ޝާހްރުކް ވަނީ އޭނާގެ ގޭގައި ހުންނަ ޓީވީގެ އަދަދު ހާމަކޮށްފައެވެ.
“އަހަރެންގެ ނިދާ ކޮޓަރީގައި އެއް ޓީވީ، ސިޓިންރޫމްގައި އެއް ޓީވީ، އަހަރެންގެ ކުޑަ ދަރިފުޅު އަބްރާމްގެ ކޮޓަރީގައި އަނެއް ޓީވީ، އާރިއަންގެ ކޮޓަރީގައި، އަހަރެންގެ އަންހެން ދަރިފުޅުގެ ކޮޓަރީގައި. ދާދި ފަހުން ޖިމްގައި އެހެން ކޮންމެވެސް ވައްތަރެއްގެ ޓީވީއެއް ހަލާކުވެގެން މީގެ (އެލްޖީ) ޓީވީއެއް ގެނައީ، މިހާރު އަހަރެން ހަމައެކަނި އިންތިޒާރު ކުރަނީ މުސްކުޅި ޓީވީތައް ހަލާކުވާނެ ދުވަހަކަށް، އޭރުންތާ އަވަހަށް އެލްޖީ ގަންނަން ދެވޭނީ،" ޝާހްރުކް ޚާން ބުންޏެވެ.
އޭނާ ބުނީ، އޭގެ ކޮންމެ ޓީވީއެއްގެ އަގަކީ ގާތްގަނޑަކަށް ލައްކައެއްހާ ރުޕީސް ކަމަށެވެ. އެ ހިސާބުން ގާތްގަނޑަކަށް 30-40 ލައްކަ ރުފިޔާ ޓީވީތަކަށް ހަރަދުކޮށްފައި ހުންނާނެ ކަމަށް ބުންޏެވެ.