މިދިޔަ ކުޑައީދަށް ވުރެ ކުލަގަދަކޮށް، މާފުށީގައި ބޮޑުއީދުގެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިދިޔަ ކުޑައީދު އެންމެ ކުލަގަދަ ގޮތެއްގައި ފާހަގަކުރި އެއް ރަށަކީ މާފުށްޓެވެ. ހަވަޔާއެކު މިޔުޒިކް ޝޯއެއް ބޭއްވި އިރު، ސަފާގީ ކުޅިވަރުތައްވެސް އެރަށުގައި ކުރިއަށްގެންދިޔައެވެ. ކުޑައީދަށް އެރަށަށް 3000-4500 މީހުން ގޮސްފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މާފުށީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ، ކުޑައީދުގައި ލިބުނު ތަރުހީބާއެކު ބޮޑުއީދު އެއަށްވުރެ ކުލަގަދަކޮށް ފާހަގަކުރަން އެރަށް ތައްޔާރަށް އޮތް ކަމަށެވެ. އެގޮތުން ބޮޑު އީދުގައި ގިނަ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ ބޮޑު އީދުގައި މިރަށަށް 7،000 ނޫނީ 8،000 މީހުން އެރުން ގާތް ކަމަށް،" ސޮލާހު ވިދާޅުވިއެވެ.

މާފުށީ ކައުންސިލުން މި ފަހަރު ފާހަގަ ކުރާ ބޮޑު އީދުގެ ކަންކަންވެސް އިންތިޒާމު ކުރަނީ ލިކަމެކް ކުންފުނިންނެވެ.

  • އީދު ބަޑި ރޯކުރުން - ހައްޖު ދުވަހުގެ ރޭ
  • ވެދުމާ ދިއުން / ސަގާފީ ރޭގަނޑުގެ ކެއުން
  • ބޮޑު ޖަމާއަތުގައި އީދު ނަމާދު
  • އީދު ބޮޑު ސައި
  • އުލްހިޔާ ކަތިލުން
  • ކުލަ ޖެހުން / ފެން ކުޅި (މިޔުޒިކާއެކު)
  • މެންދުރުގެ ހާއްސަ ކެއުން
  • މާލި ބޮޑު މަސް / ކޯޑި
  • ކަލަ ރަން
  • ތްރީ އޮން ތްރީ ފުޓުބޯޅަ މުބާރާތެއް
  • ކަނބަލުންނަށް ހާއްސަ ހޭޑްބޯލް
  • ބަށިބޯޅަ މެޗެއް
  • ކުޑަކުދިންގެ ހަވީރު
  • އީދު ޝޯ/ ލޭޒާ ޝޯއެއް.

ސޮލާހު ވިދާޅުވީ، ކަލަރަންގައި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ ކަމަށާއި އެކަމަށް ހާއްސަ ޓީޝާޓަކާއި މެޑަލެއް ތައާރަފުކުރާނެ ކަމަށެވެ. އަދި މެޑަލް ލިބޭނީ ފީއެއް ދައްކައިގެން ކަމަށް ވިދާޅުވިއެވެ.

ސޮލާހު އިތުރަށް ވިދާޅުވީ ކެއިންބުއިމުގެ ހިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައްވެސް ހަމަޖައްސާނެ ކަމަށެވެ. އަދި އީދަށް އެރަށަށް ދިއުމަށް ގިނަ ފެރީތަކެއް ބާއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.