ފޯބްސް މެގަޒިން އިން ހޮވި އޭޝިއާގެ އެންމެ ޒުވާން އެންޓަޕްރިނިއަރުން ނުވަތަ ވިޔަފާރިވެރިންގެ ލިސްޓުގައި ޑރ. މިނާހް ފާއިޒް ރަޝާދު ހިމެނިއްޖެއެވެ.

ފޯބްސް އިން އާންމުކުރި އޭޝިޔާގެ "30 އަންޑަ 30" ގެ ލިސްޓްގައި ޑރ. މިނާހް ހިމެނުނީ ސޯޝަލް އިމްޕެންޓް ބައިންނެވެ.

މީގެ ކުރިން އޭޑީކޭ ހޮސްޕިޓަލުގައި މެޑިކަލް އޮފިސަރެއްގެ ވަޒީފާ އަދާކުރި ޑރ. މިނާހް ރަޝާދަކީ މިޝަން ފޯ މައިގްރެންޓް ވޯކާސްގެ ކޯ ފައުންޑަރެވެ.

ޑރ. މިނާހް ފާއިޒު ރަޝާދު ވަނީ ޔުނިވާސިޓީ އޮފް އޮކްސްފޯޑުން އިންޓަނޭޝަނަލް ހެލްތު އެންޑް ޓްރޮޕިކަލް މެޑިސިން ދާއިރާއިން ޑިސްޓިންކްޝަނާ އެކު މާސްޓާސް އިން ސައިންސް ހާސިލް ކުރައްވައިފައެވެ.

ޑރ. މިނާހަށް ވަނީ މަޝްހޫރު ވައިޑަންފެލްޑް-ހޮފްމަން ލީޑާޝިޕް ސްކޮލަޝިޕް އެވޯޑް ލިބިވަޑައިގެންފައެވެ. އަދި ރާއްޖެއަށް، މިނާހް ކޮށްދެމުން އަންނަ އިންސާނީ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ޒުވާނުންގެ ކޮމިޓީން ވަނީ ގައުމީ ޒުވާނުންގެ އައިކޮން އެވޯޑް 2019 ވަނަ އަހަރުވެސް އޭނާއަށް ދީފައެވެ.

ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސްގެ ބޯޑުގައި ހިމެނޭ އެގްޒެކެޓިވް ޔޫތު މެންބަރުގެ އިތުރުން މޯލްޑިވްސް އެންސީޑީ އެލަޔަންސްގެ މަގާމާއި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ހެލްތު ޕްރޮމޯޝަން ކޯޑިނޭޓަރުގެ މަގާމުވެސް ޑރ. މިނާހް ފުރުއްވިއެވެ.

އިންސާނީ އެހީތެރިކަމުގެ މަސައްކަތުގެ އިތުރުން ޑރ. މިނާހް ވަނީ ޑަބްލިޔުއެޗްއޯގެ ނޭޝަނަލް ކޮންސަލްޓަންޓުގެ އިތުރުން ނޭޝަނަލް މައިގްރޭޝަން ހެލްތު ޕޮލިސީ އިސްކޮށް އައިއޯއެމްގެ މަގާމުވެސް އަދާކުރައްވައިފައެވެ.

ޑރ. މިނާހް މިހާރު ގެންދަވަނީ އިނގިރޭސިވިލާތުގެ އާންސްޓް އެންޑް ޔަންގްގައި ސީނިއާ ގްލޯބަލް ހެލްތު ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.

މިއަހަރުގެ ފޯބްސް އޭޝިއާގެ ގަދަ 30 ހޮވާފައިވަނީ ދިހަ ކެޓަގަރީއަކުންނެވެ. އެއީ ދަ އާޓް، އެންޓަޓައިނަމަންޓް އެންޑް ސްޕޯޓްސް، ފައިނޭންސް އެންޑް ވެންޗާ ކެޕިޓަލް، މީޑިއާ މާކެޓިން އެންޑް އެޑްވަޓައިސިން ރީޓެއިލް އެންޑް އީކޮމާސް، އެންޓަޕްރައިޒް ޓެކްނޮލޮޖީ، އިންޑަސްޓްރީ މެނުފެކްޗަރިން އެންޑް އިންޑަސްޓްރީ، ހެލްތު ކެއާ އެންޑް ސައިންސް، ސޯޝަލް އިމްޕެންޓް އަދި ކޮންސިއުމާ ޓެކްނޮލޮޖީއެވެ.

މިފަހަރުގެ ފޯބްސް އޭޝިއާގެ ގަދަ 30 ތަރުތީބުކޮށްފައި ވަނީ 4،000 އަށް ވުރެ ގިނަ ނޮމިނޭޝަންތަކުގެ ތެރެއިންނެވެ.

ފޯބްސް އިން ބުނެފައި ވަނީ ގަދަ 30 ގައި ހިމެނިފައިވާ ޒުވާނުންނަކީ އެމީހުންގެ ހިޔާލާއި ހުނަރު ބޭނުންކޮށްގެން ދުނިޔެއަށް މިވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދެމުން އަންނަ ޒުވާނުން ކަމަށެވެ.

ފޯބްސް މެގަޒިން އިން ހޮވި އޭޝިއާގެ އެންމެ ޒުވާން ވިޔަފާރިވެރިންގެ ލިސްޓުގައި މީގެ ކުރިންވެސް ރާއްޖޭގެ ދެ ފަރާތެއް ހިމެނުނެވެ. އެއީ މުހައްމަދު އަފްޒަލް (އަޕޯ) އާއި ސަފާތު އަހްމަދު ޒާހިރެވެ.