ޚަބަރު

ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް، ކުރިއަށް އޮތް ދެ އަހަރު ވެސް ދަރަނި ދެއްކޭނެ: ރައީސް

މުހައްމަދު އިޝާން

ބޭރުގެ ދަރަނި ދެއްކުމުގައި ސަރުކާރަށް އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމަށާއި ކުރިއަށް ދެ އަހަރުގައި ވެސް ދަރަނި ދެއްކުމުގައި ދައްޗެއް ކުރިމަތިނުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނީގެ ދަތިކަން ކުރިމަތިވެދާނެ ކަމަށް އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީމޯގަންގެ ތަހުލީލުވެރިން ވަނީ އިންޒާރު ދެއްވައިފައެވެ.

އެ ވާހަކަތަކާ ގުޅިގެން އެމްޑަބްލިޔުއެސްސީގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ކްރޮސްރޯޑުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ދަރަނި ދެއްކުމުގައި ދަތިތަކެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

"ދަރަންޏަކީ އަބަދުވެސް ސަރުކާރަށް ނަގަމުން، ދައްކަމުންދާ އެއްޗެއް. އެގޮތުން، މި އަހަރު ދައުލަތުން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ވާހަކަ ތިޔަބޭފުޅުންގެ މައޫލޫމާތަށްޓަކައި، ޔަގީންކަމާއެކުގައި އަޅުގަނޑު ދަންނަވާލަން. އަދި ހަމަ އެއާއެކުގައި، ކުރިއަށް އޮތް އަހަރު، 2023 ވަނަ އަހަރު، 2024 ވަނަ އަހަރުވެސް އެކަމުގައި ދައްޗެއްނެތި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަޖެޓްކޮށްފައި އޮތްގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ނަމަވެސް ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އިގުތިސޯދަށް ކޮންމެވެސް ވަރެއްގެ ލޮޅުމެއް އަންނާނެ ކަމަށެވެ.

މިއަހަރު ފެށުނުއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކޯ ރަޝިއާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ހަނގުރާމަ ފެށުނުފަހުން ރަޝިއާއިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން މުޅިންހެން ހުއްޓިފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވެ، ސަރުކާރުން އަންދާޒާކުރި ވަރަށް ވުރެ ބޮޑަށް ހަރަދު ކުރަންޖެހޭ ވަރު އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވާ 400 މިލިއަން ރުފިޔާ ބަދަލުގައި ބިލިއަނެއްހާ ރުފިޔާ ތެލުގެ ސަބްސިޑީއަށް ހަރަދުކުރަން ޖެހުނު ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރާއްޖެއަށް އިމްޕޯޓު ކުރާ މުދަލުގެ އަގުތައް ވެސް ބޮޑުވެފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

"އިގުތިސޯދީ ގޮތުން ދަތިތަކެއް އެބަހުރި. އެހެން ނަމަވެސް، އެ ދަތިތަކާ އެކުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އިރާދަކުރެއްވިއްޔާ ރާއްޖޭގެ އިގްތިސޯދަށް މި އަންނަ ކުރިއެރުމާ އެކީގައި ހަރަދުތައް ކުޑަކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާ އެކީގައި އަޅުގަނޑުމެން ކުރިއަށްދާނެ" ރައީސް ވިދާޅުވިއެވެ.