ޚަބަރު

ދައުލަތުގެ ދަރަނި ދެއްކުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނަން: ރައީސް

މުހައްމަދު އިޝާން

ދައުލަތުގެ ދަރަނި ދެއްކުމަށްޓަކައި މިވަގުތު އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަމުން ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިޔުއެސްސީ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ކޮރްސްރޯޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ދުނިޔޭގެ އިގުތިސޯދަށް އަންނަ ބަދަލުތަކަށް ވެސް ބަލަމުންދާނެ ކަމަށެވެ. ނަމަވެސް، ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އިގުތިސޯދީ ދަތިތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވިއެވެ.

މިއަދު ބޭއްވި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޮތް ރިޒޯޓުތަކުން ނަގާ ލޭންޑް ރެންޓް ކުޑަކުރުމަށް ނިންމާފައި އޮތް ނިންމުން މިވަގުތަށް މަޑުޖައްސާލަން ނިންމާފައިވާ ކަމަށެވެ.

"އެގޮތުން، ބަޖެޓަށް އުނިވެގެންދާނެ ބައި އިރާދަކުރެއްވިއްޔާ، އެ ބައި ކަވަރުވެގެންދާނެ. އޭގެ އިތުރުން، އިތުރު މެޝާސްތަކެއް ނެގުމަށް މިއަދު އަޅުގަނޑުމެން ވާނީ ނިންމާފައި. އަދި ދައުލަތުގެ ދަރަނި ދެއްކުމަށްޓަކައި މިވަގުތު ކުރަންޖެހޭ ކަންތައްތައް، އިތުރު ފިޔަވަޅުތައް އަޅުގަނޑުމެން އަޅަމުން ގެންދާނެ ވާހަކަ ތިޔަބޭފުޅުންނަށް މި ފުރުސަތުގައި އަޅުގަނޑު ދަންނަވާލަން،" ރައީސް ވިދާޅުވިއެވެ.

އެމެރިކާގެ އިންވެސްޓްމެންޓް ބޭންކެއް ކަމަށްވާ ޖޭޕީމޯގަން އިން ވަނީ އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނީގެ ދަތިކަން ކުރިމަތިވެ، ސްރީ ލަންކާގެ އޮތް ހާލަތަށް ގޮސްދާނެ ކަމަށް ބުނެފައެވެ.

އެ ވާހަކަތަކާ ގުޅިގެން މިރޭ ރައީސް ވިދާޅުވީ، ސަރުކާރަށް ބޭރުގެ ދަރަނި ދެއްކުމަށް އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރަށް ވެސް ބަޖެޓުކޮށްފައިވާ ގޮތަށް ކަންކަން ކުރިއަށްދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

"ދަރަންޏަކީ ސަރުކާރަށް އަބަދުވެސް ނަގަމުން ދައްކަމުންދާ އެއްޗެއް، އެއްވެސް ދަތިކަމެއް ނެތް، 2023 އަދި 2024 ވަނަ އަހަރުވެސް ބަޖެޓުކޮށްފައިވާ ގޮތަށް އެކަން ކުރިޔަށް ގެންދެވޭނެ،" ރައީސް ވިދާޅުވިއެވެ.