ޚަބަރު

ބާ އިމްތިހާން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިިފި

މުހައްމަދު އިޝާން

ބާ އިމްތިހާންގެ ފީގެ މައްސަލަ ކޯޓުން ނިމެންދެން ބާ އިމްތިހާން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް އިއްޔެ ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.

ކ. މާލެ، މޮޑަންކޮމެޓް މުހައްމަދު ނިޒާމު، ބާ ކައުންސިލާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި އެދިފައިވަނީ ބާ ކައުންސިލުން އިއުލާންކޮށްފައިވާ ބާ އިމްތިހާނުގެ ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފީ އަކީ ރާއްޖެގައި ބާއްވާ އިމްތިހާނުތަކުގެ ނިސްބަތުން ބޮޑު އަދަދެއް ކަމަށް ވާތީ އެއިއުލާން ބާތިލުކޮށް ދިނުމަށާއި ރާއްޖޭގައި ބާއްވާ އެފަދަ ލައިސެންސްތަކަށް ނަގާ ފީއާ އެއްވަރުގެ ފީއަކަށް ބާ އިމްތިހާނުގެ ފީ ބަދަލުކުރުމުގެ އަމުރަކަށާއި ބާ ކައުންސިލްގެ އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓުން އިމްތިހާނަށް ތައްޔާރުވުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށް އަމުރުކޮށް ދިނުމަށެވެ.

އެ އަމުރުތައް ނެރެނުދީފިނަމަ އަލަށް ޝަރުއީ ދާއިރާއަށް ވަންނަން ބޭނުންވާ ކުދިން ބޮޑު ހަރަދެއް ކުރަންޖެހޭނެ ކަމަށް މައްސަލައިގައި ވަނީ ބުނެފައެވެ. ބާ ކައުންސިލުގެ އިމްތިހާން ބައިވެރިވުމަށް ފީ އަކީ 20،000 ރުފިޔާއެވެ. ނަމަވެސް އިމްތިހާނު ހަދާ ފުރަތަމަ ފަހަރަށްވުމުން ބާ ކައުންސިލުން ވަނީ 50 ޕަސަންޓް ދައްކައިދިނުމަށް ނިންމައިފައެވެ. އެހެންވެ، އެ އިމްތިހާނުގެ ބައިވެރިން ދައްކަން ޖެހޭނީ 10،000 ރުފިޔާއެވެ.

އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ކުރި އަމުރުގައި ވަނީ، ފީ ބޮޑުވުމުން އިމްތިހާންގައި ބައިވެރި ނުވެނުވަސް، މައްސަލަ ނިމޭ ގޮތަކުން ބަދަލު ހޯދުމުގެ ފުރުސަތު ފަހުން އޮންނާނެ ކަމަށެވެ. އަދި މައްސަލަ ހުށަހެޅި ފަރާތްތައް ނޫން އެހެން ބައެއް މީހުން ވެސް ބާ އިމްތިހާންގައި ބައިވެރިވާ އިރު، އެ ފަރާތްތަކުގެ ބަހެއް ނެތި، އެ މީހުންނަށް އިއާދަ ނުކުރެވޭނެ ގެއްލުމެއް ލިބިދާނެ ކަމާމެދު އެ މައްސަލައިގެ ތެރެއިން ގޮތެއް ނިންމުމުގެ އިހުތިޔާރަށް ކޯޓަށް ލިބިގެންނުވާ ކަމަށެވެ.

މީގެ އިތުރުން އަމުރުގައި ވަނީ ބާ ކައުންސިލުން އެ އިމްތިހާނަށް ހަރަދުކޮށްފައި ވަނިކޮށް، އިމްތިހާން ހުއްޓުވައިފި ނަމަ، އެ ހަރަދު އަނބުރާ ލިބޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

މި މައްސަލަ ބެއްލެވި ގާޒީ މަރްޔަމް ވަހީދާއެވެ.

ސިވިލް ކޯޓުން އެ ނުކުތާގައި ނިންމީ މައްސަލަ ބޭރުކޮށްލުމުގެ ބަދަލުގައި ދައުވާ ފޯމްގެ އެ ބައި އިސްލާހު ކުރުމަށްފަހު މައްސަލަ ކުރިއަށް ގެންދިއުމަށެވެ.