ޚަބަރު

ބައްޕައާއެކު އޮތް ގާތްގުޅުމާ ގުޅޭގޮތުން ސަންޖޭދަތުގެ ޖަޒްބާތީ ވާހަކަތަކެއް

ސަންޖޭދަތު އޭނާގެ ބައްޕަ، ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރ، ސުނިލްދަތާއި އޭނާގެ ގާތް ގުޅުމުގެ ހަނދާންތަކެއް ހިއްސާކޮށްފިއެވެ. ސަންޖޭދަތަކީ އަބަދުވެސް ލިބޭ ކޮންމެ ފުރުސަތެއްގައި، ބައްޕަގެ ފަރާތުން ލިބިފައިވާ ތަރުބިއްޔަތާއި ފިލާވަޅުތަކާއި އިބްރަތްތެރި ނަސޭހަތުގެ ވާހަކަ، އޭނާގެ ފޭނުންނާއެކު ހިއްސާކުރާ ފަންނާނެކެވެ. މަރުހޫމު ބައްޕަގެ މަރުގެ އަހަރީ ދުވަހު ސަންޖޭ ވަނީ ބައްޕައާއި ދަރިފުޅުގެ ގުޅުމާއި ބެހޭ ގޮތުން، އޭނާގެ ހިތުގެ އަޑިން، ނުހަނު އަސަރާއެކު، ބުނެފައިވާ ހާއްސަ ވާހަކަތަކެއް، އޭރުގެ ހަނދާނީ ފޮޓޯތަކަކާއެކީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

ފޮޓޯތަކާއެކު ސަންޖޭ ލިޔެފައިވެއެވެ. "އުސްއަޑިތަކުގައި، ފުޅާކަމާއި އަދި ހަނިކަމުގައިވެސް، އަހަންނަށް މަގުދެއްކުމުގައާއި، އަހަރެން ރައްކާތެރިކޮށް ހިމާޔަތްކުރުމުގައި، އަބަދުވެސް އަހަންނާއެކުގައި، ހުރިހާ ވަގުތަކުވެސް ވީމު. ތިއީ އަހަރެންގެ ބާރު. ރޫހާނީ ހިތްވަރު. ފިރިހެންދަރިފުޅަކަށް އެދެވޭނެ އެންމެ އަގުބޮޑު އެހީއަށްވެސް.... ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި އެންމެ ރަނގަޅަށް ފުރިހަމަކޮށްދިނީމު. ޑޭޑް އަބަދުވެސް އަހަރެންގެ ހިތުގައި ޑޭޑް ދިރިހުންނާނެ، ޑޭޑް މަތިން ވަރަށް ބޮޑަށް ހަނދާންވޭ. ޑޭޑް ނެތްކަމުގެ އުނިކަން އަބަދުވެސް އިހުސާސްވޭ."

ދާދިފަހުން ނުކުތް ކޭޖީއެފް ގެ ދެވަނަ ބައިގައި، ދަގަނޑުދަހަނާގެ ހަށިގަނޑެއްގެ ވެރި، ނުބައިނުލަފާ ޝައިތާނީ، އަނިޔާވެރި، 'އަދީރާ' ގެ ބައި ސަންޖޭދަތު ކުޅެފައިވާލެއް ފުރިހަމަކަމުން، ބެލުންތެރިންނަށް ކުއްލި ހައިރާންކަމެއް ލިބި، މީހުންގެ ފަރާތުން އަދި ކްރިޓިކްސްއިން ވެސް ވަނީ ހުއްޓުމެއް ނެތް ތައުރީފާއި ތަރުހީބުގެ ބަސްތައް އޮއްސައިލައިަފއެވެ. ހަމަމިއާއެކު، ކްރިޓިކްސްއިން 4.5 ސްޓާސް ލިބުނު ފިލްމު ހިޓްވުމުގެ ބޮޑު އެއް ސަބަބަކީ ސަންޖޭދަތު 'އަދީރާ'ގެ ބައި ކުޅެފައިވާ ކުޅަދާނަކަމާއި މޮޅުކަން ކަމަށް އެންމެންވެސް ދެކެއެވެ.

ސަންޖޭދަތުގެ މިކާމިޔާބު ފިލްމަށްފަހު ދެން މިފިލްމީތަރީގެ އަންނަން އޮތް ފިލްމާބެހޭ ގޮތުން ބަލައިލާއިރު، އަކްޝޭކުމާރާއި 2017ގެ ދުނިޔޭގެރީތީގެ ރާނީ މަނޫޝީ ޗިއްލަރގެ ބޮލީވުޑްގެ ފުރަތަމަ ފެނިލުމާއެކު، "ޕްރިތުވީރާޖް"ގައި ސަންޖޭދަތު ފެނިގެންދާނެއެވެ. އަދި ރަންބީރްކަޕޫރާއި ވާނީ ކަޕޫރާއެކު ޔާޝްރާޖްގެ "ޝަމްޝޭރާ"ގެ އިތުރުން، ރަވީނާ ޓަންޑަން އާއި ޕަރްތު ސަމްތާނާއެކު "ގަޑްޗާއީ"ގައިވެސް ސަންޖޭދަތު ފެނިގެންދާނެއެވެ. މިނޫންވެސް އެހެން ފިލްމުތަކުންވެސް ސަންޖޭދަތު، ފިސާރި ޝައުގުވެރި ފިލްމުތަކެއް ވަރަށް އަވަހަށް ފެނިގެންދާނެކަމުގެ އުފާވެރި ހަބަރު ވަނީ ފެތުރިފައެވެ.