ޚަބަރު

ލަންކާއަށް އާ ލޯނެއް ދޭން ރާވާފައިނުވާ ކަމަށް ވޯލްޑްބޭންކުން ބުނެފި

މުހައްމަދު ޖަމްޝަތް ވަހީދު

ސްރީ ލަންކާގެ އިގްތިސާދުން އެކަށީގެންވާ 'މެކްރޯ' އިގްތިސާދީ ސިޔާސަތުގެ އޮނިގަނޑެއް ގާއިމު ނުކުރެވޭހާ ހިނދަކު އެ ގައުމަށް ބްރިޖް ފައިނޭންސިން ނުވަތަ އާ ލޯނު ކޮމިޓްމަންޓްތައް ހުށަހެޅުމަށް ރާވާފައި ނުވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވޯލްޑް ބޭންކުން ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބްރިޖް ލޯނެއް ނުވަތަ އާ ލޯނެއްގެ ކޮމިޓްމަންޓްތަކެއް އަންނަނީ ރާވަމުންނެެވެ.

ނަމަވެސް އެވާހަކަތައް ދޮގުކޮށް ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބްރިޖް ލޯނެއްގެ ގޮތުގައި ނުވަތަ އާ ލޯނު ކޮމިޓްމަންޓްތަކެއްގެ ގޮތުގައި މާލީ ދަތިކަމުން އަރައިގަތުމަށް ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާވާފައިވާ ނުވާ ކަމަށެވެ. ނަމަވެސް ކޮންމެހެން ބޭނުންވާ ބައެއް ބޭސްތަކާއި، ފަގީރުންނާއި ނާޒުކު ގޭބިސީތަކަށް ވަގުތީ ފައިސާ ޓްރާންސްފާކުރުމާއި، ނާޒުކު އާއިލާތަކުގެ ކުދިންނަށް ސްކޫލް ކެއުންތަކާއި، ދަނޑުވެރިންނާއި ކުދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރުވެސް ދޫކޮށްފައިވާ ވަސީލަތްތައް އަލުން ބަދަލުކުރަމުން އަންނަކަމަށް ބޭންކުން ވަނީ ބުނެފައެވެ.

"އަޅުގަނޑުމެން ލަންކާގެ ރައްޔިތުންނާ މެދު ކަންބޮޑުވެ، އިގްތިސާދީ ހަމަޖެހުމާއި ފުޅާ ދާއިރާއެއްގައި ކުރިއެރުން އަލުން ގެނައުމަށް އެކަށީގެންވާ ސިޔާސަތުތަކެއް ކަނޑައެޅުމުގައި، އައިއެމްއެފް އާއި ތަރައްގީގެ އެހެން ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރަމުން މިއަންނަނީ. އެކަށީގެންވާ މެކްރޯ އިކޮނޮމިކް ޕޮލިސީ ފްރޭމްވޯކެއް އެކުލަވައިނުލެވޭހާ ހިނދަކު، ވޯލްޑް ބޭންކުން ލަންކާއަށް ފައިނޭންސިންއެއް ހުށަހެޅުމަށް ރާވާފައެއް ނުވޭ" ވޯލްޑް ބޭންކުން ބުންޏެވެ.

ލަންކާ ބަނގުރޫޓުވުމާ ގާތްވެފައިވާއިރު ކާބޯތަކެއްޗާއި ތެލާއި ބޭހާއި ކެއްކުމަށް ބޭނުންކުރާ ގޭހުން ފެށިގެން ޓޮއިލެޓް ޕޭޕަރާއި ހަމައަށް ޒަރޫރީ ތަކެއްޗަށް ވަރަށް ބޮޑަށް ވަނީ ދަތިވެފައިވެ އެވެ. މަސްތަކެއް ވަންދެން ލިމިޓެޑް ސްޓޮކް ގަތުމަށް ދިގު ސަފުތަކުގައި ތިބެން މަޖުބޫރުވެފައިވެ އެވެ. އިންފްލޭޝަން ރޭޓް 40 ޕަސެންޓަށް އުފުލި، ކާބޯތަކެއްޗާއި ތެލާއި ބޭހުގެ ދަތިކަމާއި ކަރަންޓް ކެނޑުމުގެ ސަބަބުން މުޅި ގައުމުގައި މުޒާހަރާކޮށް ލަންކާ ރުޕީސްގެ އަގު ދަށްވެ، އިމްޕޯޓަށް ދައްކަން ޖެހޭ ބޭރު ފައިސާގެ ރިޒާވް ހުސްވެފައެވެ.

ލަންކާގެ ޖުމްލަ ދަރަނި 51 ބިލިއަން ޑޮލަރަށް އަރާއިރު 2026 ގެ ނިޔަލަށް ބޭރުގެ ލޯނުތަކަށް 25 ބިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އޭގެ ތެރެއިން މިއަހަރު ދައްކަންޖެހޭ، ގާތްގަނޑަކަށް ހަތް ބިލިއަން ޑޮލަރު ދެއްކުން ވަނީ މެދުކަނޑާލާފަ އެވެ. ލަންކާއަށް މިހާތަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިގްތިސާދީ ދަތިކަމުން އަރައިގަންނަން އައިއެމްއެފްއާ އެކު މަޝްވަރާގެ ޕްރޮގްރާމެއް ވެސް މިހާރު ވަނީ ފަށާފައެވެ. އަދި ލަންކާގެ އިގްތިސާދީ ހާލަތުން އަރައިގަންނަން ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރުގެ ބްރިޖް ފައިނޭންސްއެއް މިހާރުން މިހާރަށްވެސް އެ ގައުމަށް ބޭނުންވެ އެވެ.