Close
ޚަބަރު

ފިނިފެންމާ ގޮއްވާލުން: އެއީ އަދީބަށް ދިން ސިޔާސީ ހަމަލާއެއް, ޝައްކުގެ އިނގިލި ރައީސް ޔާމީނަށް!

2

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އިންނެވި ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ހާދިސާއަކީ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިޔާސީ ހަޔާން ނިމުމަކަށް ގެނައުމަށް ރާވައިގެން ކުރި ކަމެއް ކަމަށް ރައީސް ޔާމީންގެ ތަރުޖަމާން އިބްރާހިމް މުއާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ހާދިސާއާ ގުޅޭގޮތުން މިހާރު އަދީބު އިސްވެ ހުންނަވައިގެން އުފެއްދި ޕާޓީ, މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ)ގެ ނައިބު ރައީސް މުއާޒު މިއަދު ވިދާޅުވީ, ރައީސް ޔާމީން ޓީވީއެއްގެ ކުރިމައްޗަށް ގެނައުމަކީ އޭނާއަށް އެންމެ އުދަނގޫ ކަންތައް ކަމަށެވެ. ނަމަވެސް ލޯންޗުކޮޅު ގޮއްވާލި ހާދިސާ ހިނގި ދުވަހު, ނޫސްވެރިންގެ ބައްދަލުވުމަށް ހުރިހާ މީޑިއާތަކަށް ދައުވަތު ދެއްވީ ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށް ކަމަށް މުއާޒު ވިދާޅުވިއެވެ.

"ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އަޅުގަނޑަށް އިސްވެ ގުޅުއްވާފައި ޕްރެސް ކޮންފަރެންސެއް ބާއްވަން ވިދާޅުވީ, ރަސްގެފާނު ވިދާޅުވި ބައެއް ވާހަކަތައް ދިވެހި ރައްޔިތުންނާ ހިއްސާކުރެއްވުމަށް. އެއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ބަލައިގަތީ. ރައީސް އަމިއްލަފުޅަށް ގުޅުއްވާފައި ރަސްގެފާނު ވިދާޅުވި ވާހަކަ ހިއްސާކުރުން." މުއާޒު ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި މުއާޒު ފާހަގަކުރެއްވީ އެދުވަހު ޕްރެސް ކޮންފަރެންސް ދެއްވަން ރައީސް ޔާމީން ބޭނުންފުޅުވި ތަނެވެ. އޭނާ ވިދާޅުވި ގޮތުގައި, ރައީސް ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު ދެއްވާ ޕްރެސް ކޮންފަރެންސްތައް އިންތިޒާމު ކުރަމުން އައީ ހުޅުލޭގެ ވީއައިޕީ ލައުންޖުގައި ކަމުގައިވީ ނަމަވެސް އެދުވަހު އެމަނިކުފާނު ބޭނުންފުޅުވީ އެއް ނަންބަރު ޖެޓީގައި އެ ޕްރެސް ކޮންފަރެންސް ދެއްވަން ކަމަށެވެ.

"އެކަން ޔަގީންކޮށްލުމުގެ ގޮތުން ފޯނު ބޭއްވުމަށްފަހު އަޅުގަނޑު މެސެޖަކުން ދަންނަވާލިން އާދައިގެ މަތިން އެސް ޔޫޝުއަލް ހުޅުލޭގަ ދެއްތޯއޭ. ޖަވާބުގައި ވިދާޅުވީ ނޯ. އެއްނަންބަރު ޖެޓީ. އަޅުގަނޑު އަތުގަ މިހާރުވެސް ހުންނާނެ އެ މެސެޖުތައް. އެހެންވީމަ ޕްރެސް ކޮންފަރެންސް ބާއްވަންވީތަން ވިދާޅުވި ދެއްވީ ނޫންތޯއޭ ރައީސް," މުއާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, ރައީސް ޔާމީނަކީ ފްލައިޓުން ފައިބައިވަޑައިގެން ހުޅުލޭ ވީއައިޕީ ތެރޭގައި ކޮންމެވެސް ވަރަކަށް މަޑުކުރައްވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް ހާދިސާ ހިނގި ދުވަހު, ފްލައިޓުން ފައިބައިވަޑައިގެން ގޮތަށް ވަރަށް ބާރު ހިނގުމެއްގައި ވަޑައިގެން ލޯންޗުކޮޅަށް އަރައިވަޑައިގެންނެވި ކަމަށެވެ. އަދި ލޯންޗުކޮޅުގައި އިށީންދެވަޑައިގެންނެވީވެސް އެމަނިކުފާނަށް ހާއްސަކޮށްފައިވާ ގޮނޑިކޮޅުގައި ނޫން ކަމަށާއި އެއީ އެމަނިކުފާނު އިށީންދެވަޑައިގަންނަވާ ގޮނޑިކޮޅު ނޫން ގޮނޑިކޮޅެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.

"ލޯންޗުކޮޅަށް އަރާވަޑައިގެން އިންނެވި އިރު, އަބަދުވެސް ރައީސުލްޖުމްހޫރިއްޔާ އިށީންދެވަޑައިގެން ގޮނޑި, އަޅުގަނޑުމެން މި ޑެލިގޭޝަންގެ އެންމެންނަށްވެސް އެނގޭނެ މިއީ ރައީސްގެ ގޮނޑިކޮޅުކަން. އެހެންވީމަ ރައީސްގެ ގޮނޑިކޮޅުގަ އެހެން މީހަކު, އެހިސާބާ ކައިރި ހިސާބެއްގައިވެސް ނިއިށީންނާނެ. ހާއްސަކޮށް ފަސްޓްލޭޑީ ބައިވެރިވެވަޑައިގެންނެވި ދަތުރުފުޅެވީމައާވެސް އެކީގަ ޖެހިގެން އިންނަ ގޮނޑި ފަސްޓްލޭޑީއަށް ދެއްތޯ. ފަސްޓްލޭޑީ އިށީންދެވަޑައެއް ނުގަންނަވާނެ ދޮރު ކައިރިއަކުއެއް," މުއާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި, އެދުވަހު ރައީސް ޔާމީން ފްލައިޓުން ފައިބައިވަޑައިގެންނެވި އިރު އަމިއްލަފުޅު ބޭފުޅުންވެސް ހުޅުލޭގައި ތިއްބެވިއެވެ. އަދި ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމްގެ ހުރިހާ ކަމެއްގައި އަބަދުވެސް ތިބޭ ދެ ބޭފުޅަކު, އެދުވަހު ހުޅުލެއަށް ވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

މުއާޒު ތި މާނަކުރައްވަނީ، މި ހުރިހާ ކަމަކީ ރައީސް ޔާމީން އަމިއްލަފުޅަށް ރާވައިގެން ހިންގެވި "ޕްލޮޓެއް" ކަމަށްތީ، "ވަން" އިން ސުވާލުކުރުމުން މުއާޒު ވިދާޅުވީ, އެ ހަމަލާއަކީ އަދީބުގެ ސިޔާސީ ހަޔާތް ނިންމާލުމަށް ބަޔަކު ރާވައިގެން ހިންގި ކަމެއް ކަމަށެވެ. ނަމަވެސް އޭނާއަކީ ތަހުގީގީ އިދާރާއެއް ނޫންކަމުން, ރައީސް ޔާމީން ރޭވި ކަމެއްގެ ގޮތުގައި ވިދާޅުނުވެވޭނެ ކަމަށާއި ނަމަވެސް މިކަމުގައި ޝައްކުކުރެވޭ އާދަޔާ ހިލާފު ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟