އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނީގެ ދަތިކަން ކުރިމަތިވެދާނެ ކަމަށް އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީމޯގަންގެ ތަހުލީލުވެރިން އިންޒާރު ދީފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް ކަމަށްވާ ޖޭޕީ މޯގަން އިން ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ އިގްތިސާދަށް އަންނާނެ ބަދަލުތަކާ ބެހޭގޮތުން ކުރި ދިރާސާ ރިޕޯޓެއްގައި ބުނެފައިވަނީ ލޯނު ނެގުމުގެ ހަރަދުތައް އިތުރުވުމާއި ރަޝިޔާއާއި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން މި އަހަރު ރިސްކް ބޮޑު 'ޖަންކް' ރޭޓިން އުފެދިފައިވާ މާކެޓް ގައުމުތަކަށް %10 އަށް ދަރަނީގެ ދަތިކަން ކުރިމަތިވެދާނެ ކަމަށެވެ.
ހަލުވިކަމާއެކު އިތުރުވަމުންދާ އިންފްލޭޝަން އާ ވިދިގެން ދުނިޔޭގެ އިންޓަރެސްޓް ރޭޓް އިތުރުވެގެން ދިއުމަކީ ވެސް ގިނަ ގައުމުތަކަށް ލޯނު ނެގުމުގެ ހަރަދުތައް އިތުރުވުމުގެ ހަގީގަތާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށް ވެސް ޖޭޕީ މޯގަން އިން ބުނެފައިވެ އެވެ.
ޖޭޕީ މޯގަން އިން ބުނެފައިވާ ގޮތުން ބެލެންސް އޮފް ޕޭމަންޓްގެ ޕްރެޝަރުތައް އިތުރުވުމާއި މާލީ ޑެފިސިޓް ބޮޑުވުމަކީ މިހާރު ރާއްޖެ ފަދަ ހަކަތައާއި ކާބޯތަކެތީގެ ބޮޑު ބައެއް އެތެރެކުރާ، ބޮޑެތި ދަރަނިވެރި ގައުމުތަކަށް މައްސަލަތައް އިތުރުވަމުންދާ ކަމެކެވެ.
"އަޅުގަނޑުމެންގެ އެސެސްމަންޓުގައި (52) ގައުމުގެ ސާމްޕަލްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކްލަސިފައިކޮށްފައިވަނީ ރިޕޭމަންޓް ރިސްކް ބޮޑު ކަމަށް ކްލަސިފައިކޮށްފައި. އޭގެ ތެރެއިން އަށް ގައުމަކީ 2023 ވަނަ އަހަރު ނިމޭއިރު ރިޒާވް ޑިޕްލީޓްވުމުގެ ނުރައްކާ އޮތް ގައުމުތައް. އެއީ ޑިފޯލްޓް ރިސްކް ބޮޑުވުމުގެ އިޝާރާތެއް" ސްޓްރެޓެޖިސްޓް، ޓްރަންގް އިސްކޮށް ހުންނަވައިގެން އަންގާރަ ދުވަހު ނެރުނު ނޯޓުގައިވެ އެވެ.
- ސްރީލަންކާ
- ދިވެހިރާއްޖެ
- ބަހާމާސް
- ބެލީޒް
- ސެނެގާލް
- ރުވާންޑާ
- ގްރެނާޑާ
- އިތިއޯޕިއާ
ލަންކާއަށް ދާދި ފަހުން އިކޮނޮމިކް ކްރައިސިސްއެއް ކުރިމަތިވެ ފުރަތަމަ ފަހަރަށް ސޮވަރިން ޑިފޯލްޓް ވެފައިވާއިރު، މިހާރުވެސް ލުބުނާނާއި ސޫރީނާމާއި ވެނެޒުއެލާ އަދި ޒެމްބިއާ އިން މި ލިސްޓުގައި ހިމެނިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ރަޝިޔާއާއި ޔޫކްރޭންގެ އިގްތިސާދީ ހާލަތުވެސް ދެކޮޅަށް ކިރެމުން ދާއިރު އެ ލިސްޓަށް އިތުރުވާ ގައުމުތަކުގެ އަދަދުތައް ވަރަށް އަވަހަށް އިތުރުވެދާނެ ކަމަށް ލަފާކޮށް ޖޭޕީމޯގަން އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖޭޕީ މޯގަން އިން ބުނީ އަވަހަށް ޑިފޯލްޓް ވުމުގެ ނުރައްކާ އޮތް ކަމަށް ފްލެގްކޮށްފައިވާ 8 ގައުމުގެ އިތުރުން މިސްރާއި ގާނާ އަދި ޕާކިސްތާން ފަދަ ބޮޑެތި އިގްތިސާދުތައް ވެސް ތަންކޮޅެއް ދިގު މުއްދަތުގައި މާލީ އަދި ދަރަނީގެ ނަޒަރަކުން ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ވެސް ބުނެފައިވާ ގޮތުގައި އާމްދަނީ ދަށް ގައުމުތަކުގެ %60 އާ ގާތްކުރާ އަދަދަކީ ދަރަނީގެ ދަތިކަމުގެ ތެރޭގައި ނުވަތަ ދަރަނީގެ ދަތިކަން ކުރިމަތިވުމުގެ ނުރައްކާ ބޮޑު ގައުމުތަކެކެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މާޗު މަސް ނިމުނު އިރު، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގައި ހުރީ 865.2 މިލިއަން ޑޮލަރެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ މާޗު މަހު އާންމުކުރި ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަަރަންޏަކީ 94 ބިލިއަން ރުފިޔާ އެވެ. ސޮވެރިން ގެރެންޓީ ހިމަނައިގެން، ރާއްޖޭގެ ދަރަނި މިއަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެމްއެމްއޭ އިން ވަނީ ލަފާކޮށްފަ އެވެ އެއީ ޖީޑީޕީގެ ނިސްބަތުން %117 އެވެ. މިއީ ހަރަދަށް ޒިންމާވާ ގާނޫނުގައި ރާއްޖޭގެ ދަރަނި ހުންނަންންޖެހޭ މިންގަނޑު ކަމަށް ބުނެފައިވާ މިންގަނަޑަށްވުރެ ގާތްގަނޑަކަށް ދެ ގުނަ ބޮޑު އަދަދެކެވެ.
ވޯލްޑް ބޭންކުން ނެރޭ ސަރަހައްދީ އިގުތިސޯދީ އަޕްޑޭޓުގައި ވެސް ވަނީ ރާއްޖެއިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނިތައް އިގުތިސޯދު ކުރިއަރާ މިންވަރަށް ވުރެ މަތިވުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރާއްޖޭގައި ހިންގާ ގިނަ މަޝްރޫއުތައް ހިންގަނީ ބޭރުގެ ފަރާތްތަކުން ދަރަންޏަށް ފައިސާ ނަގައިގެން ކަމަށް ވާތީ، އޭގެ ބަދަލުގައި ދިގު މުއްދަތުގައި ފައިދާވާނޭ އިގުތިސޯދީ މަޝްރޫއުތައް ހިންގުމަށްވެސް ވޯލްޑް ބޭންކުން މިދިޔަ އޭޕްރީލް މަހު ނެރުނު އެ ރިޕޯޓުގައި ވަނީ ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު