ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ލީގު، އިންޑިއަން ސުޕަ ލީގު (އައިޕީއެލް)ގެ ފައިނަލް ފުރަތަމަ ޖާގަ، މުބާރާތުގައި އަލަށް ވާދަކުރާ ގުޖުރާތު ޓައިޓަންސްއިން ހޯދައިފިއެވެ.

ގުޖުރާތު ޓައިޓަންސްއިން އައިޕީއެލް ފައިނަލުން ޖާގަ ހޯދީ ޕްލޭ އޮފް ފުރަތަމަ މެޗުގައި ރާޖަސްތާން ރޯޔަލްގެ މައްޗަށް ހަތް ވިކެޓުން ކުރި ހޯދައިގެންނެވެ. ލީގު ބުރު ނިންމާލި އިރުވެސް އެއްވަނައިގައި އޮތް ގުޖުރާތު ޓައިޓަންސް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި އިރު، ފުރަތަމަ ޕްލޭ އޮފް މެޗުން ބަލިވި ނަމަވެސް ރާޖަސްތާން ރޯޔަލްސްއަށް އަދި ފައިނަލުގެ ފުރުސަތު ނުގެއްލެއެވެ.

އައިޕީއެލްގައި މިފަހަރު 10 ޓީމު ވާދަކުރި އިރު، ޕްލޭ އޮފްއަށް ދިޔައީ ގަދަ ހަތަރު ޓީމެވެ. އެ ހަތަރު ޓީމުގެ ތެރެއިން ފައިނަލަށް ދާނީ ތިން ޕްލޭ އޮފް މެޗަކުން ކަނޑައަޅާ ދެޓީމެވެ. ޕްލޭ އޮފް ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމު ވާދަކުރާ އިރު، އެ މެޗުން ބަލިވާ ޓީމަށް އަދި ޕްލޭ އޮފް ތިންވަނަ މެޗުން ފުރުސަތު ލިބޭނެއެވެ. ޕްލޭ އޮފް ދެވަނަ މެޗުގައި މިރޭ ލަކްނައު ސުޕަ ޖަޔަންސްޓްސްއާއި ރޯޔަލް ޗެލެންޖާސް ބެންގަލޫރު ވާދަކުރާ އިރު، އެ މެޗުން މޮޅުވާ ޓީމަށް ފައިނަލް ޔަގީން ވާނީ ތިންވަނަ ޕްލޭ އޮފް މެޗުގައި ރާޖަސްތާން ރޯޔަލްސްއާ ވާދަކޮށްގެންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ކުޅެން ނުކުތީ ރާޖަސްތާން ރޯޔަލްސްއެވެ. އެޓީމުން 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައި ވެގެން ހެދީ 188 ލަނޑެވެ. ރާޖަސްތާނަށް އެންމެ ރަނގަޅަށް ބެޓްކުރީ 56 ބޯޅައިން 89 ލަނޑު ހަދައިދިން އިންގްލެންޑްގެ ބަޓްލާއެވެ.

ބަދަލުގައި ކުޅެން އަރައި ފުރަތަމަ ކޮޅުގައި ގުޖުރާތު ޓައިޓަންސްއަށް އުނދަގޫތަކާ ކުރިމަތިވިއެވެ. ފުރަތަމަ ތިން ކުޅުންތެރިން ނުބައިވި އިރު، ގުޖުރާތު ޓައިޓަންސްއަށް ހެދިފައި ވަނީ 85 ލަނޑެވެ. އެ ހާލަތު ބަދަލު ކޮށްލީ އެންމެފަހުން ކުޅެން ތިބި ޓީމުގެ ކެޕްޓަން ހާޑިކް ޕާންޑެއާއި ސައުތު އެފްރިކާގެ ޑޭވިޑް މިލާއެވެ. ދެ ކުޅުންތެރިންގެ ޕާޓްނާޝިޕްގައި 106 ލަނޑު ހެދި އިރު، މިލާ ވަނީ 38 ބޯޅައިން 68 ލަނޑު ހަދާފައެވެ. ހާޑިކް ވަނީ 27 ބޯޅައިން 40 ލަނޑު ހަދާފައެވެ.

ރޭގެ މެޗުގެ ފަހު އޯވަރު ފޯރި ގަދަކޮށް ދިޔަކަން ފާހަގަވިއެވެ. ފަހު އޯވަރަށް ދިޔަ އިރު، 16 ލަނޑު ހަދަން ގުޖުރާތަށް ޖެހިފައި އޮއްވާ އެޓީމަށް ފައިނަލް ޔަގީންކޮށްދިނީ ފުރަތަމަ ތިން ބޯޅައިގައި މިލާ ހަޔަކަށް ޖަހައިގެންނެވެ.