ލައިފް ސްޓައިލް

އެޕަލްސައިޑާ ވިނެގާގެ އެންމެ ފައިދާހުރި ވައްތަރަކީ ކޮބާ؟

މަރިޔަމް ޝަފާ އިބްރާހިމް

އެޕަލް ސައިޑާ ވިނެގާ އެނގޭހެއްޔެވެ. ދުޅަހެޔޮ ސިއްހަތަކަށް މަސައްކަތްކުރާ، ސިއްހީ ކަންތައްތަކަށް ސަމާލުކަންދޭ، ފިޓްކޮށް، ހަށިގަނޑު ދުޅަހެޔޮކަންމަތީ ރީތިކޮށް ބެހެއްޓުމަށް، ދުވަހުން ދުވަހަށް ސިއްހީ ތަފާތު، ބަދަލުވެ ކުރިއަރައި، އާގޮތްތައް ހޯދައި ބަލާ މީހެއްނަމަ އެޕަލް ސައިޑާ ވިނެގާ އެނގޭނެއެވެ. އެކަމަކު ސިއްހީ ލަފާދޭ ކޮންމެ މާހިރަކުވެސް ދޭނެ ލަފަޔަކީ ސައިޑާ ވިނެގާގެ އެންމެ ފުރިހަމަ ފައިދާ ބޭނުންނަމަ، އޭގެ އެންމެ ރަނގަޅު ވައްތަރު އާދެ! އެޕަލް ސައިޑާ ވިނެގާގެ 'އެސެޓިކްއެސިޑް ބެކްޓީރިޔާ' ހިމެނޭ ވައްތަރު ގަތުމަށް ސަމާލުކަންދޭށެވެ. 'އެޕަލް ސައިޑާ ވިނެގާ ވިތު ދަ މަދާ' މިނަން ލޭބަލްގައި ބައެއްފަހަރު ހުންނާނެއެވެ. ނަމަވެސް ބައެއް ފަހަރު މިގޮތަށް އެސެޓިކްއެސިޑް ބެކްޓީރިޔާ ހިމެނޭ ވައްތަރު ދެނެގަނެވޭނީ ވިނެގާގެ ކުލައިންނެވެ. މިއީ އޭގެ އެންމެ ފައިދާބޮޑު ވައްތަރެވެ. މިވައްތަރު ބޭނުން ކުރުމަށް ސަމާލުކަންދޭށެވެ.

ބެކްޓީރިއާ އޭ ބުނުމުން ހިތަށް ސިފަ ކުރެވޭނީ ކޮންމެވެސް ބައްޔެއް ނުވަތަ ޖަރާސީމެކެވެ. އެހެންނަމަވެސް ބޭނުންތެރި، ފައިދާ ހުރި ބެކްޓީރިއާ ހުންނަކަން އެނގޭހެއްޔެވެ. އެޕަލް ސައިޑާ ވިނެގާގައި ބެކްޓިރިޔާ ހިމެނޭ ވައްތަރެއްވެއެވެ. މިއެސެޓިކްއެސިޑް ބެކްޓީރިޔާގެ ސައިންޓިފިކް ހާއްސަ ނަމަކީ 'މަދާ'އެވެ.

އެޕަލް ސައިޑާ ވިނެގާ ހިމެނޭ ކަމަށް މިބުނާ މަދާ، 'އެސެޓިކްއެސިޑް ބެކްޓީރިޔާ'އަކީ ކޮބާތޯއެވެ. އެޕަލް ސައިޑާ ވިނެގާ އުފެއްދުމުގައި ދެ ފިޔަވައްސެއް ކުރިއަށްދެއެވެ. އެންމެ ފުރަތަމަ އޭގައި ހިމެނޭ ހަކުރުގެ ބައި ހަލާކުވެ، ރަލަށްވަންދެން، ކަމީރާއި އާފަލު ޖޫސް އެއްކޮށްފައި ބެހެއްޓުމަށްފަހު، އެއަށް ބޭނުންވާ ބެކްޓީރިޔާ އެއްކުރުމުން އޭގައި، އެސިޑް އުފެދޭނެއެވެ. މިދެންނެވި ބެކްޓީރިއާއަށް ދެވިފައިވާ ސައިންޓިފިކް ނަމަކީ މަދާއެވެ. ވިއްކާ ފަރާތްތަކުން މިބެކްޓީރިއާ، ވަކިކޮށްފައި، މިއާނުލައި ސައިޑާ ވިނެގާ ވިއްކާ ސަބަބަކީ، މިބެކްޓީރިއާ ހިމެނޭނަމަ ވިނެގާ ފުޅި ފެންނާނީ ތަންކޮޅެއް ނުސާފުކޮށް ކަމަށްވެފައި، އެގޮތަށް ހުރުމުން ގަންނަ ފަރާތްތަކަށް އެއީ ހަލާކުވެފައި ހުރި ފުޅިއެއްކަމަށް ހީވާތީއެވެ. މިހެންވެ އާންމުކޮށް ފިހާރަތަކުން ފެންނާނީ ވަރަށްވެސް ސާފުކޮށް، ދެފުށް ފެންނަ ގޮތަށް ހުންނަ ސައިޑާ ވިނެގާ ފުޅިތަކެވެ. އެކަމަކު ހަގީގަތުގައި މިބެކްޓީރިއާ، އާދެ "އެސެޓިކްއެސިޑް ބެކްޓީރިޔާ" ނުވަތަ 'މަދާ'ހިމެނޭ ވައްތަރަކީ ސައިޑާ ވިނެގާގެ އެންމެ ފައިދާހުރި ބާވަތެވެ.

'އެސެޓިކްއެސިޑް ބެކްޓީރިޔާ' އެންމެ މުހިންމު އަދި އެންމެ ފައިދާ ހުރި ބާވަތަށް ވަނީ ކިއްވެހޭ ހިތަށް އަރާނެއެވެ. އެސުވާލުގެ ޖަވާބަކީ މިއީ އެތައް ރަނގަޅު ބެކްޓީރިއާތައް ހިމެނިގެން ހެދިފައިވާ ބާވަތެއް ކަމަށްވުމާއެކު، މީގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ފަސޭހަކަމާއި އޮމާންކަމާއެކު މަސައްކަތް ކުރެއެވެ. ނުރަނގަޅު ބެކްޓީރިއާތަކަށް ހަށިގަނޑު ތެރޭގައި ގަދަވެގެން އުޅުމާއި ދެކޮޅަށް މި 'އެސެޓިކްއެސިޑް ބެކްޓީރިޔާ' މަސައްކަތް ކުރެއެވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެ، ބަލިވުމާ ދުރުކޮށްދެއެވެ.

އެސެޓިކްއެސިޑް ބެކްޓީރިޔާ ހިމެނޭ އެޕަލް ސައިޑާ ވިނެގާ، ފުޅީގައި ފެންނައިރު ނުސާފުކޮށް ހުއްޓަސް މިއީ ގެރެންޓީ ހަމަވެފައި ހުރި ފުޅިއެއް ނޫންކަން ދަންނާށެވެ. 'އެސެޓިކްއެސިޑް ބެކްޓީރިޔާ' ހިމެނޭ އެޕަލް ސައިޑާ ވިނެގާ ބޭނުން ކުރުމުގައި ފެން ނުވަތަ ކޮންމެވެސް އެހެން ދިޔާ ބާވަތަކާ އެއްކޮށްގެން ބޭނުންކުރާށެވެ. އެހެންނޫނީ އެސިޑިޓީ ނުވަތަ އޭގައި ހުންނަ ތޫނުކަމުގެ ސަބަބުން ކަރު އެންދުން، މޭއެންދުން، ނޫނީ ދަތްތަކުގެ މަޑުހިރުގަނޑު އެންދުން ފަދަ ކަންތައް ދިމާވެދާނެއެވެ. ކޮންމެ ދުވަހަކު ވަކި މިވެނި ވަރަކަށް، ސައިޑާ ވިނެގާ ބޭނުންކުރާކަށް ތަޖުރިބާހުރި، ކަމާބެހޭ މާހިރުން ލަފާދީ، އިރުޝާދު ދީފައެއް ނުވެއެވެ.

އެހެންނަމަވެސް ވަރަށް ގިނަ މީހުން ކޮންމެދުވަހަކަށް، މޭޒުމަތީ ސަމުސަލުގެ މިވެނި ވަރަކަށް ސަމުސާކަމަށް، ލިޔުންތަކުންވެސް ބައެއްފަހަރު ފެންނަން އޮންނާތީއާއެކު، ބޭނުން ކުރުމުގައި ވަކި މިންގަނޑެއް ކަނޑައަޅައިގެން ބޭނުން ކުރެއެވެ. އެކަމަކު މިގޮތަށް ބޭނުން ކުރުމުގައިވެސް ސަމާލުކަންދޭން ޖެހޭ ކަމެއް އޮވެއެވެ. އެއީ ފަހަރެއްގައިވެސް، ދެސައިސަމުސަލަށްވުރެ އިތުރު ނުކުރުމެވެ. އަދި އަބަދުވެސް 'މަންމަ' ހިމެނޭ ވައްތަރުގެ ފުޅިއެއް ނަމަ ފުޅި ރަނގަޅަށް ތަޅުވާލައި، އެތެރޭގައި ހުރި ދިޔާތަކެތި އެއްވަންދެން ތަޅުވާލުން މުހިންމެވެ. ސަބަބަކީ މި'އެސެޓިކްއެސިޑް ބެކްޓީރިޔާ'އަކީ ފުޅީގެ އަޑީގައި ހަރުލާފައި ހުންނަ ބާވަތަކަށްވާތީއެވެ.

'އެސެޓިކްއެސިޑް ބެކްޓީރިއާ'އާ ނުލައި ހުންނަ އެޕަލް ސައިޑާ ވިނެގާ ބޭނުން ކުރުން ބޭކާރުކަމަކަށް ނުވިޔަސް، މަންމަ ހިމެނޭ ސައިޑާ ވިނެގާއިން ލިބޭ ފައިދާ ބޮޑުވެފައި، އެންމެ މުހިންމުކަމަށް އެ ބޭނުން ކުރެވޭ ބަރުދަން ލުއި ކުރުމުގެ މުރާދުވެސް އެންމެ އަވަހަށް، ފުރިހަމަވެ، އޭގެ އެންމެ ހެޔޮ، ރަނގަޅު ގޮތުގައި ނަތީޖާ ފެންނަލެއް އަވަސްކަމަށްވެއެވެ.