ދުނިޔޭގެސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. ނާޒްނީން އަންވަރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ފަޒްނާ ވަނީ މި އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސައުތު އީސްޓް އޭޝިޔާގެ ރީޖަނަލް އޮފީހުން އިންތިޒާމުކޮށްގެން "ވީ ދަ ޕީޕަލް އެންޑް އަވާ ޕްލެނެޓް: ހެލްތީ، ރެސިލިއެންޓް، ސަސްޓެއިނަބަލް"ގެ ނަމުގައި ވާޗުއަލްކޮށް ބޭއްވެވި ހައި-ލެވެލް ޕެނަލް ޑިސްކަޝަންއަށް ފުރުސަތު ދެއްވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައިފަ އެވެ.

ޑރ. ނާޒްނީން އާއި ފަޒްނާ ވަނީ ދެފަރާތުން އިސްކަންދެއްވާ މުހިންމު ކަންކަމާއި ކުރިޔަށް އޮތްތާނގައި ގުޅިގެން މަސައްކަތްކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހި މުޖުތަމައުގައި އޮތް މަސްތުވާތަކެތީގެ މައްސަލަތަކާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. އަދި މި މައްސަލަތަކަށް ދުރާލައި ފިޔަވަޅު އެޅުމުގެ ގޮތުން މުގައްރަރުގައި މިކަންކަމާބެހޭ މައުލޫމާތު ހިމެނުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި މުޖުތަމައުގައި މިކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން އެކަމަނާ ވަނީ ފާހަގަކުރައްވައިފަ އެވެ.

ޑރ. ނާޒްނީން ވަނީ ކޮވިޑު ބަލިމަޑުކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވާފަ އެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމާއި މަސްތުވާތަކެތީ މައްސަލައާ ހުރި ގުޅުންތައް ފާހަގަކުރައްވަމުން މި މައްސަލަތައް ހައްލުކޮށް ފިޔަވަޅު އެޅުމުގައި މެޑަމް ފަޒުނާ އާއެކު މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ނާޒްނީންވަނީ ފާޅުކުރައްވައިފަ އެވެ.

ޑަބްލިއުއެޗްއޯގެ މަންދޫބު ވަނީ ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ތައުރީފުކުރައްވައި، އަދި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ރައްޔިތުންނާއި ހަމައަށް މައުލޫމާތުތައް ފޯރުކޮށްދިނުމުގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ.