ޚަބަރު

އަމިއްލަ މީހަކު ބެންގަލޫރަށް ނޭރުވި މައްސަލައެއް ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަަހަޅައިފި

އިބްރާހިމް ޒަކީ

އަމިއްލަ މީހަކު އޭނާ އިންޑިއާގެ ބެންގަލޫރަށް ކުރި ދަތުރެއްގައި އެ ގައުމަށް ނޭރުވި މައްސަލައެއް ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ހ. ހެރޭދަނޑި ޝިޔާން ޝަފީގުގެ ފަރާތުން އޭނާ ބެންގަލޫރަށް ނޭރުވި މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށެެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ބޭއްވި ހާރިޖީ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު މަރަދޫ ާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، އޭނާ ކޮމިޓީއަށް ހުށަހަޅާފައި ވަނީ، ބެންގަލޫރު އެއާޕޯޓުން އެ ގައުމަށް އެތެރެވިޔަ ނުދީ ހިފާއްޓާފައިވާތީ، އާއި އެކަން ހިނގައިދިޔަގޮތް ސާފުކޮށްދީފައިނުވާތީ އެކަން ބަަލައިދިނުމަށް ކަމަށެވެ. ނަމަވެސް އެއީ ކޮންއިރަކު ހިނގައިދިޔަކަމެއްކަން މުގައްރިރު ވިދާޅެއްނުވެއެވެ.

އެ މައްސަލައާބެހޭގޮތުން ކޮމިޓީގައި ކުރި ބަހުސްގައި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވިދާޅުވީ، ފޮރިން މިނިސްޓްރީއަށް ހުށަހަޅައިގެން އެކަން އޮޅުންފިލުވިދާނެ ކަމަށާއި، އެގޮތަށް އެކަން ކުރުމަށް ކޮމިޓީއަށް ހުށަހަޅުއްވާ ކަމަށެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރައްވަމުން، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، ގައުމަކަށް މީހަކު އެތެރެވުމަކީ އެގައުމެއްގެ އިމިގްރޭޝަނަށް އޮންނަ ކަމެއް ކަމަށެވެ. އެފަރާތުން ނުވަދެވޭނެ ކަމަށް އެންގީމަ އެގައުމަކަށް ނުވަދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ގައުމުތަކުގެ ދާހިލީ ކަންކަން ކަމަށާއި، ނަމަވެސް އޭނާ އެގައުމަށް ނޭރުވި މައްސަލައިގެ މައުލޫމާތެއް ލިބޭތޯ ބެލުމަށް ފޮރިން މިނިސްޓްރީއަށް ހުށަހެޅިދާނެ ކަމަށެވެ.