ރާއްޖޭގެ ވިސާއަށް އެދޭއިރު ހެލްތުު އިންޝުއަރެންސް ޕޮލިސީއާއި މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހޭ ގޮތަށް ހަދަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފި އެވެ.

އިމިގްރޭޝަނުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖޭގެ ވިސާއަށް އެދޭއިރު ހެލްތު އިންޝުއަރެންސް ޕޮލިސީއާއި މެޑިކަލް ރިޕޯޓް ހުށަހަޅަން ޖެހޭނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ވިސާ މުއްދަތު ހަމަވެގެން މުއްދަތު އިތުރުކުރުމަށް އެދޭއިރުވެސް އެ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.

އިމިގްރޭޝަނުން ބުނީ، އެ އިދާރާއަށް ހުށަހަޅާ މެޑިކަލް ރިޕޯޓް ވާން ޖެހޭނީ ހެލްތު މިނިސްޓްރީން ބިދޭސީންގެ މެޑިކަލް ހެއްދުމަށް ހުއްދަދީފައިވާ ހޮސްޕިޓަލަކުން ނުވަތަ ކްލިނިކަކުން ހަދާފައިވާ ރިޕޯޓަކަށް ކަމަށެވެ.

ހެލްތު އިންޝުއަރެންސް ވާން ޖެހޭނީ ރާއްޖޭގައި އިންޝުއަރެންސް ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއްގެ ޕޮލިސީއަކަށް ކަމަށްވެސް ބުންޏެވެ.

ވިސާއަށް އެދޭއިރު ހެލްތު އިންޝުއަރެންސާއި މެޑިކަލް ރިޕޯޓް ހުށަހަޅަން ޖެހޭއިރު، ޓޫރިސްޓް ވިސާގެ މުއްދަތު އިތުރުކުރަން ހުށަހަޅާއިރު އިންޝުއަރެންސް ޕޮލިސީއާއި މެޑިކަލް ރިޕޯޓް ހުށަހަޅާކަށް ނުޖެހޭނެއެވެ.