މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީީ)ގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ދޫކުރަން ފަށައިފިއެވެ.
އެމްޓީސީސީން މިރޭ ސަރުކާރުގެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި، 2021 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގުގެ ކޮންމެ ފަސް ރުފިޔާގެ ހިއްސާއަކަށް 3.50 ރުފިޔާ ދޫކުރަން ނިންމާފައިވާ ކަމަށެވެ. ހިއްސާގެ ގޮތުގައި ޖުމުލަ 28,132,122 (28.1 މިލިއަން) ރުފިޔާ ދޫކުރުމަށް ވަނީ ނިންމައިފައެވެ.
ހިއްސާގެ ފައިދާ ނެގުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން އެކުންފުނީގައި ބޭންކް އެކައުންޓް ރަޖިސްޓަރީ ކޮށްފައިނުވާ އަދި އެކައުންޓަށް ބަދަލު އައިސްފައިވާ ހިއްސާދާރުން އެކުންފުނީގެ "ހިއްސާގެ ފައިދާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުން ހިއްސާގެ ފައިދާ ޖަމާކޮށްދޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ ހިއްސާގެ ފައިދާ ނެގުމަށް ހިއްސާދާރުންގެ ޕޯޓަލް https://sop.mtcc.com.mv/login މެދުވެރިކޮށް ހުށަހެޅުމުން ވެސް ހިއްސާގެ ފައިދާ އެމްޓީސީސީން ޖަމާކޮށްދޭނެ ކަމަށެވެ.
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކުރީ ޖަލްސާގައި ބައިވެރިވި 556 ހިއްސާދާރުންގެ ތެރެއިން 326 ހިއްސާދާރުންގެ ވޯޓާއެކުގައެވެ. ދެކޮޅަށް ވޯޓު ދިނީ 257 ހިއްސާދާރުންނެވެ.
އެމްޓީސީސީގެ ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގައި ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
އެމްޓީސީސީން މިދިޔަ އަހަރު ނިންމައިލީ ރެކޯޑް ފައިދާއަކާއެކުގައެވެ. އެގޮތުން އެކުންފުންޏަށް ފައިދާގެ ގޮތުގައި މިދިޔަ އަހަރު 232 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އޭގެ ކުރީ އަހަރު 190.69 މިލިއަން ރުފިޔާ ލިބިފައިވާ އިރު، އެފަހަރު ހިއްސާއަކަށް ބެހީ ތިން ރުފިޔާއެވެ.
ސަރުކާރުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް އެމްޓީސީސީން ހިންގަމުން އަންނަ އިރު، އެކުންފުނިން ލަފާކޮށްފައިވާ ގޮތުގައި މިއަހަރަކީވެސް ރެކޯޑު ފައިދާއެއް ލިބޭނެ އަހަރެކެވެ. އެގޮތުން މިއަހަރު 300 މިލިއަން ރުފިޔާގެ ފައިދާއެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު