އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ) ގެ އިންތިހާބުތަކުގެ ބައި އިލެކްޝަންތައް އަވަސް އަވަހަށް ބާއްވަން ޖެހުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި މި ގޮތަށް ދާނަމަ، އަންނަ އޯގަސްޓް މަހުގެ ނިޔަލަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މުޅި ބަޖެޓް ހުސްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފުއާދު މިހެން ވިދާޅުވީ، ޑަބްލިޔުޑީސީތަކުގެ އިންތިހާބަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ފުއާދު ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށްވުރެވެސް ބޮޑަށް، ޑަބްލިޔުޑީސީތަކުގެ އިންތިހާބުތައް ބާއްވަން ޖެހުމުން އެ ބައި އިލެކްޝަންތައް އިތުުރުވެ އެކަމަށް ބޮޑު ހަރަދެއް ކުރަންޖެހިފައިވާ ކަމަށެވެ. އެގޮތުން މަހެއްގެ މައްޗަށް ތިނެއް ނުވަތަ ހަތަރު މަގާމު ޑަބްލިޔުޑީސީތަކުން ހުސްވާ ކަމަށާއި އެކަމާ ގުޅިގެން ބާއްވާ ކޮންމެ ބައި އިލެކްޝަނަކަށް ދޮޅު ލައްކަ ރުފިޔާ ހަރަދުވާ ކަމަށް ވިދާޅުވިއެވެ.
އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާ ވާހަކަދެއްކުމުން އީސީގެ އިދާރީ ކަންތައްތަކަށް ބޭނުންކުރަން ހުރި ފައިސާ އެފަދަ އިންތިހާބުތަކަށް ހަރަދުކުރުމަށް ލަފާދީފައިވާ ކަމަށާއި ނަމަވެސް އެގޮތަށް ކަންތައް ކުރިއަށް ގެންދާނަމަ އަންނަ ޖުލައި މަހު ނުވަތަ އޯގަސްޓް މަހުގެ ތެރޭގައި އީސީގެ މުޅި ބަޖެޓު ހުސްވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
ކަންތައްތައް މިހެން ހުރި ނަމަވެސް އީސީގެ ބަޖެޓު ބޮޑު ނުކުރުމަށް ފިނޭންސް މިނިސްޓްރީން ބުނަމުންދާކަން ފާހަގަކުރައްވައި ފުއާދު ވިދާޅުވީ، އީސީގެ މަސައްކަތްތައް ތިން ގުނައަށް އިތުރުވެފައިވާއިރު، 2008 ވަނަ އަހަރުން ފެށިގެން މިދިޔަ 14 އަހަރު ދުވަހުގެ ތެރޭގައި އެ ކޮމިޝަންގެ ސްޓާފުންގެ އަދަދަށް މާބޮޑު ބަދަލެއް ނާންނަ ކަމަށެވެ.
އެގޮތުން 2008 ވަނަ އަހަރު އީސީގައި ތިބީ ސާޅީހަކަށް މުވައްޒަފުން ކަމަށާއި މިހާރު ތިބީ ފަންސާހަކަށް މުވައްޒަފުން ކަމަށް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފުސީލު ދެއްވަމުން އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، މިހާތަނަށް 21 ބައި އިލެކްޝަން ބާއްވާފައިވާ ކަމަށެވެ. އެގޮތުން 2021ގައި 11 ބައި އިލެކްޝަން އަދި މިއަހަރުގެ މިހާތަނަށް 10 ބައި އިލެކްޝަން ބާއްވާފައިވާ އިރު، އަންނަ ޖޫން މަހުގެ ތެރޭގައި ހަ ގޮނޑި ހުސްވެގެން ފަސް ރަށެއްގައި އިންތިހާބު ބާއްވަން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަދި އިތުރު ތިން ރަށެއްގެ ޑަބްލިޔުޑީސީގެ ގޮނޑި މިހާރު ހުސްވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު