ޚަބަރު

ބީއެމްއެލް އިން ޑިޖިޓަލް ވޮލެޓެއް ތައާރަފުކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯބައިލް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް ޑިޖިޓަލް ވޮލެޓުގެ ހިދުމަތް މިއަދު ތައާރަފުކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މޯބައިލް ބޭންކިން އެޕްލިކޭޝަން އަޕްގްރޭޑުކުރުމުން ޑިޖިޓަލް ވޮލެޓުގެ ހިދަުމަތް ލިބޭނެ ކަމަށާއި އެ އަޕްގްރޭޑާއެކު، ކޮންޓެކްޓްލެސް ޕޭމަންޓުގެ ހިދުމަތް އަދި ވޮލެޓް-ޓު-ވޮލެޓު ޓްރާންސްފާގެ ހިދުމަތްވެސް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

އަލަށް ތައާރަފު ކުރި މި ހިދުމަތާއެކު، ބީއެމްއެލް މޯބައިލް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް ހަލުވިކަމާއި ރައްކާތެރިކަމާއެކު ޕޭމަންޓު ފުރިހަމަ ކުރުމަށް ސްކޭން ޓު ޕޭ ގެ ހިތުމަތް ބޭނުން ކުރެވޭނެ އެވެ. އަދި ހަމައެކަނި މޯބައިލް ނަންބަރު ބޭނުންކޮށްގެން އާއިލާއާއި ރަހުމަތްތެރިންނަށް ފައިސާވެސް ފޮނުވޭނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، ޓިމް ސޯޔާ ވިދާޅުވީ ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް މޯބައިލް އެޕްގައި ހިމެނިގެންދިއުމާއެކު ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް އެޕް މެދުވެރިކޮށް ނުވަތަ އެންއެފްސީގެ ހިދުމަތް އެކުލެވޭ ފޯނެއް މެދުވެރިކޮށް ޓެޕް ޓު ޕޭ ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި މާޗަންޓަކަށްވެސް އެޕް މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށެވެ.

"މިއަދު ގެނެވުނު ބަދަލުތަކާއެކު މޯބައިލް ބޭންކިން އެޕް އަކީ ކަސްޓަމަރުން ބޭނުންވާ ހަމަ އެކަނި ވޮލެޓު. މުޅި ދުނިޔޭގައިވެސް މޮބައިލް ބޭންކިން މެދުވެރިކޮށް ހަދާ ކޮންޓެކްޓްލެސް ޕޭމަންޓް ތަކަކީ އެންމެ ރައްކާތެރި އެންމެ އަވަހަށް ފައިސާގެ މުއާމަލާތްކޮށްލެވޭ ގޮތް. މިފަދަ ހިދުމަތެއް ބޭންކުގެ އެޕް މެދުވެރިކޮށް ދެވޭކަމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ ޓެކްނޮލޮޖީ އަށް އިންވެސްޓުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފުރިހަމަ ބޭންކިން ޚިދުމަތެއް ދިނުން" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްއިން ތައާރަފްކޮށްފައިވާ ކޮންޓެކްޓްލެސް ޕޭމަންޓުގެ ހިދުމަތްތައް:

  • ސްކޭން ޓު ޕޭ: ޕީއޯއެސް ޓާމނަލް މެދުވެރިކޮށް "ސްކޭން ޓު ޕޭ" ނެގުވުމަށްފަހު ނުވަތަ މާޗަންޓް މެދުވެރިކޮށް ބީއެމްއެލް ކިއުއާރު ސްޓިކާ ބޭނުންކޮށްގެން ކާޑާއި ނުލައި ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ފައިސާ ދައްކާލެވޭނެއެވެ.
  • ޓެޕް ޓު ޕޭ: އެންއެފްސީގެ ހިދުމަތް ހިމެނޭ ފޯނު ޕީއޯއެސް މެޝިންގައި ޖައްސާލުމުން ކާޑާއި ނުލައި ބީއެމްއެލް މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ކަސްޓަމަރުން ފައިސާ ދައްކާލެވޭނެއެވެ.
  • މޯބައިލް ކީ އިން: ޕޭމަންޓެއް ހެދުމުގެ ކުރިން، ކަސްޓަމަރުންނަށް މޯބައިލް ކީއިން ނެގުމަށްފަހު ފޯނު ނަންބަރު ޖެހުމުން ފައިސާ ދެއްކުމަށް ރިކުއެސްޓެއް ލިބޭނެއެވެ. މި ރިކުއެސްޓް އެޕރޫވް ކުރުމުން ޕީއޯއެސް ޓާމިނަލް މެދުވެރިކޮށް ފައިސާ ދައްކާލެވޭނެއެވެ.

ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިންގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މޯބައިލް ބޭންކިންގެ ހިދުމަތް ބީއެމްއެލް އިން ތައާރަފްކުރީ 2015 އަހަރު އެވެ. ބީއެމްއެލް އިން ބުނީ ބޭންކުގެ 90 ޕަސެންޓް ކަސްޓަރަުން މި ހިދުމަތް މިހާރު ބޭނުން ކުރަމުން އަންނަ ކަމަށެވެ.