މިދިޔަ ހޯމަ ދުވަހު ފެށި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއިން ފެށިގެން މިހާތަނަށް ބޭއްވި ހުރިހާ ޖަލްސާތަކެއް ނިންމާލާފައި ވަނީ ކުރާނެ މަސައްކަތެއް ނެތިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ނިންމައިލީ، މިދިޔަ ހަފުތާގެ ހުރިހާ ޖަލްސާ ތަކެކޭ އެއްގޮތަށް މަސައްކަތެއް ނެތިގެންނެވެ.
މިއަދުގެ ޖަލްސާއަކީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތަރުވަނަ ޖަލްސާއެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި، ކޭނިން ފެކްޓްރީއެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތާއި، ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކޯލްޑްސްޓޯރޭޖާއި ބްރައިން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ނުފެށި ލަސްވާ މައްސަލައިގައި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން މިނިސްޓާ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޑޮކްޓަރ ހުސައިން ރަޝީދު ހަސަންއާ ސުވާލު ކުރެއްވުމެވެ.
މީގެ އިތުރުން މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކުގައި މީހުން ރަޖިސްޓްރީ ކުރުމުގެ ކަންބޮޑުވުން ފާޅު ކޮށް، އިދިކޮޅު ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވުންވެސް އޮތެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިނުގަތުމަށްފާސްކޮށް ވަނީ ބޭރު ކޮށްލައިފައެވެ. އެހެންކަމުން މަޖިލީހުގެ މިއަދު ޖަލްސާގައި ވެސް މަޖިލިސް ތަޅުމުގައި ކުރިއަށްގެންދާނެ އިތުރު މަސައްކަތެއް ނެތެވެ.
ދިހައެއްޖަހާކަންހާއިރު މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން މިއަދު ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ، ދުވަހުގެ މަސައްކަތުގެ ތެރެއިން ތަޅުމުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް ނިމުނީ ކަމަށެވެ.
މަސައްކަތެއް ނެތްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނިންމާލަމުން ދާތީ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.
އެގޮތުން މިދިޔަ ބުދަދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނިއުސްކޮންފަރެންސެއްގައި، ނިމިގެންދިޔަ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބަށްފަހު، އެމްޑީޕީން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައިފާނެތީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖެހިލުންވެވަޑައިގެންފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ތުހުމަތު ކޮށްފައެވެ.
އެ ނިއުސްކޮންފަރެންސްގައި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ވިދާޅުވީ، މަސައްކަތެއް ނެތްކަމަށް ބުނެ މަޖިލިހުގެ ޖަލްސާތައް ނިންމާލަނީ، ރައްޔިތުން ކަންބޮޑުވާ ބޮޑެތި މައްސަލަތަކެއް ހުއްޓައި ކަމަށެވެ.
އެގޮތުން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކާ ގުޅިގެން، އެ ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އިތުރުން، ސަރުކާރުން ބޮޑެތި ބިލުތައް ވުޖޫދު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި، އަދި އެމްޑީޕީން ވައުދުވެފައި ނުނިމިހުރި ގިނަ ކަންތައްތަކެއް ހުރިކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ޕާފޯމެންސް އޮޑިޓްތަކެއް ހެދުމަށް ހުށަހަޅާފައި ވާނެ ކަމަށާއި، ހިޔާ ފްލެޓް ތަކަށް ދައްކަންޖެހޭ ފައިސާއާ ބެހޭގޮތުން ހުށަހަޅާފައިވާ ޕެޓީޝަންގެ މައްސަލަ އާއި، ކުޑަކުދީނަން ޖިންސީ ގޯނާ ކުރުމާއި، އަންހެނުންނަށް ކުރާ އަނިޔާތަކާ ބެހޭ މައްސަލަތައްވެސް ހުށަހަޅާފައިވާނެ ކަމަށާއި، ނިމިދިޔަ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި، ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަވެސް މަޖިލީހަށް ހުށަހަޅާގފައިވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު