ޚަބަރު

މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ، މަޖިލީހުން ބޭރު ކޮށްލައިފި

އިބްރާހިމް ޒަކީ

މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާތީ، އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފެވެ.

ޝަރީފް މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ، ސިޔާސީ ޕާޓީތަކަށް ވަނުމާއި ނުވަނުމާއި، ޕާޓީތަކުން ވަކިވުމާއި ނުވުމާއި، އަދި ޕާޓީ ބަދަލުކުރުން ފަދަ ކަންތައްތަކަކީ ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. ނަމަވެސް އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމާއި ޕާޓީތަކުގެ މެންބަރުން އެހެން ޕާޓީތަކަށް ބަދަލުކުރުން ފަދަ ކަންކަން ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ.

އާންމުންނަށް ނޭނގި ސިޔާސީ ޕާޓީއަށް މީހުން ވެއްދުމާއި ވަކިކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ޕާޓީތަކަށް ލިބިދޭ އިމްތިޔާޒުތަކާ ބީރައްޓެހި ކަންކަމަށް ވެފައި، އެކަންކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް އުފެދުމާއި ސިޔާސީ ވަކި ފިކުރެއްގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ގެއްލުމާއި، އަދި އެފަރާތްތަކުގެ އިމްތިޔާޒުތަކަށް އުނިކަން ލިބިދޭ ފަދަ ކަންކަން ކުރިމަތިވާ ކަމަށް ވެސް އެ މައްސަލައިގައި އޭނާ ވިދާޅުވެފައިވެއެވެ. އަދި އެކަމުގެ ސަބަބުން ނުހައްގު މާލީ ފައިދާ އާއި ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުން ދިއުމާއި، މަލްޓިޕާޓީ ސިސްޓަމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުމާއި، އާންމު ރައްޔިތުންނަށް ގިނަގުނަ ސިޔާސީ އަދި އިޖުތިމާއީ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން، ގާނޫނާއި ގަވާއިދާ ހިލާފަށް ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި "ވާނުވާ ނޭނގި ޕާޓީ ބަދަލުވުން" ފަދަ ކަންކަމުގެ ސަބަބުން އާންމުންނާއި ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޝަކުވާތައް އިތުރުވެ، ކަންބޮޑުވުން ފާޅުކުރަމުންދާތީ، ރައްޔިތުންގެ މަޖިލިހަށް މައްސަލަ ހުށަހެޅުއްވީ ކަމަށްވެސް ޝަރީފް ވިދާޅުވެފައިވެއެވެ.

މެންބަރު ޝަރީފް މަޖިލީހަށް މިމައްސަލަ ހުށަހެޅުއްވުމުން މައްސަލަ ބަލައިގަނެ ކުރިއަށް ގެންދަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 29 މެންބަރުންގެ ތެރެއިން މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ.

މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 17 މެންބަރުން ވޯޓު ދެއްވިއެވެ. މައްސަލަ ބަލައިގަންނަން 14 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.