އެގާރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު އޭސީ މިލާނުން އިޓަލީ ލީގު ކާމިޔާބުކޮށްފިއެވެ.
އޭސީ މިލާނުން ލީގު ޔަގީންކުރީ މިރޭ ކުޅުނު ފަހު މެޗުތަކުގެ ނަތީޖާއިންނެވެ. މިރޭ އިޓަލީ ލީގުގެ އެންމެ ފަހު މެޗުތައް ކުޅެފައިވާ އިރު، މިރޭގެ މެޗުތަކަށް ނުކުތް އިރު ތަށީގެ ފުރުސަތު އޮތީ އޭސީ މިލާނަށާއި، އެ ކްލަބުގެ ވާދަވެރި އިންޓަ މިލާނަށެވެ. އަމިއްލަ ބާރުގައި ތަށި ނެގުމުގެ ބާރު އޭސީ މިލާނަށް އޮތް އިރު، އިންޓަ މިލާނަށް ތަށި ނެގެން އޮތީ އޭސީ މިލާނުން ސަސުއޯލާއާ ދެކޮޅަށް މިރޭ ކުޅުނު މެޗުން ބަލިވެގެންނެވެ.
އޭސީ މިލާނުން ތަށި ޔަގީންކުރީ މިރޭ ކުޅުނު މެޗުގައި 3-0 އިން ސަސުއޯލާ ބަލިކޮށްގެންނެވެ. މެޗުގައި އޭސީ މިލާނުގެ ގޯލުތައް ޖަހައިދިނީ އޮލިވިއާ ޖިރޫޑާއި ފްރޭންކް ކެސޭއެވެ. ޖިރޫޑު މެޗުގައި ދެ ގޯލު ޖެހި އިރު، މެޗުގައި އޭސީ މިލާން ޖެހި ތިން ގޯލުވެސް ޖެހީ ފުރަތަމަ ހާފުގައެވެ.
އޭސީ މިލާނުން ތަށި ޔަގީންކުރީ 38 މެޗުން 86 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އިންޓަ މިލާން ނިންމާލީ 38 މެޗުން 84 ޕޮއިންޓު ހޯދައިގެންނެވެ.
އިންޓައިން މިރޭ ކުޅުނު މެޗުގައި 3-0 އިން ސަމްޕޮޑޯރިއާ ބަލިކުރި އިރު، އެ މެޗުގައި ގޯލުތައް ޖެހީ އީވާން ޕެރިސިޗާއި ޖޯކުއިން ކޮރެއާއެވެ. ކޮރެއާ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
އޭސީ މިލާނަކީ މީގެ ކުރިން ޔޫރަޕުގެވެސް ގަދަ ބާރެކެވެ. އެޓީމުން މިހާތަނަށް 19 ލީގު ތަށި ކާމިޔާބު ކޮށްފައިވާ އިރު، އެންމެފަހުން ލީގު ކާމިޔާބު ކުރީ 2010-11 ވަނަ އަހަރުގެ ސީޒަންގައެވެ. 2006-07 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުވެސް އޭސީ މިލާނުން ކާމިޔާބު ކޮށްފައިވާ އިރު، މިދިޔަ 11 ވަރަކަށް އަހަރު އެޓީމަށް ދިޔައީ އުނދަގޫ ހާލަތެއްގައެވެ. އެ 11 އަހަރުގެ ތެރޭގައި ތައްޓެއް ލިބުނީ 2016 ވަނަ އަހަރު އެކަންޏެވެ. އެ އަހަރު ލިބުނީ ކޮޕާ އިޓާލިއާއެވެ.
އިޓަލީ ލީގުގެ އެންމެ ކާމިޔާބު ޓީމަކީ ޔުވެންޓަސްއެވެ. އެއީ 36 ފަހަރަށް ލީގު ކާމިޔާބު ކޮށްގެންނެވެ. މިރޭގެ ތައްޓާއެކު އޭސީ މިލާނުން ވަނީ އިންޓަ މިލާނާ އެއްވަރަށް ލީގު ކާމިޔާބު ކުރުމުގެ ޝަރަފު ހޯދައިފައެވެ. އެއީ 19 ފަހަރަށް ލީގު ކާމިޔާބު ކޮށްގެންނެވެ. އިޓަލީ ލީގު ދެވަނައަށް އެންމެ ގިނައިން ކާމިޔާބުކުރީ އޭސީ މިލާނާއި އިންޓަ މިލާނެވެ.
މިއަހަރުގެ ސީޒަންގެ އިޓަލީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނުނީ ޗެމްޕިއަން އޭސީ މިލާނާއި އިންޓަ މިލާންގެ އިތުރުން ތިންވަނައިގައި ނިންމާލީ ނަޕޯލީއާއި ހަތަރުވަނަ ހޯދި ޔުވެންޓަސްއެވެ. އިޓަލީ ލީގުން ޔޫރޮޕާ ލީގުގެ ދެ ޖާގަ ލާޒިއޯއާއި އޭއެސް ރޯމާއިން ހޯދި އިރު، ކޮންފަރެންސް ލީގު ޖާގަ ހޯދީ ފިއޮރެންޓީނާއެވެ.
މިއަހަރު އިޓަލީ ލީގުން ރެލިގޭޓްވީ ކަގިލިއޭރީއާއި ޖެނޯއާ އަދި ވެނޭޒިއާއެވެ.