ބ. ދަރަވަންދޫ އެއާޕޯޓުގެ ފެންވަރު ރަނގަޅުކުރުމަށް ޓެކްނިކަލް އޮޑިޓެއް ހެދުމަށް ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވަނީ ދަރަވަންދޫ އެއާޕޯޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ ހާލަތު ބައްލަވައިލައްވައިފައެވެ. އަދި އެއާޕޯޓުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ދަރަވަންދޫ އެއާޕޯޓުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އިތުރަށް ކުރަންޖެހޭ ކަންތައްތަައް ބެލުމަށްޓަކައި ސިވިލް އޭވިއޭޝަން އޮތޯރިޓީން ޓެކްނިކަލް އޮޑިޓެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ދަރަވަންދޫ އެއާޕޯޓުގެ އޮޑިޓެއް ހަދަން މިނިސްޓްރީން ނިންމާފައިވަނީ އެ އެއާޕޯޓުގެ ފެންވަރު ދަށްވެ، އެކަމުގެ ޝަކުވާ ބޮޑުވުމާ ގުޅިގެންނެވެ.

ދަރަވަންދޫ އެއާޕޯޓަކީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހުޅުވައި، އޮޕަރޭޓްކުރަން ފެށި އެއާޕޯޓެކެވެ.