އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކުން ހުށަހަޅާ މެމްބަރުންގެ ފޯމުތައް ކަށަވަރު ކުރުމަށްޓަކައި ސޮއިކުރާ މީހާގެ ނަން އާންމުކުރަން މިއަދު ފަށައިފިއެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މެމްބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އެ މީހުންގެ ނަމާއި އައިޑީ ކާޑުގެ ފަހު ތިން ނަމްބަރު އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ކަމަށެވެ. އަދި ޕާޓީތަކުން ދަފްތަރު ކުރުމަށް ހުށަހަޅާފައިވާ މީހުންގެ ފޯނަށް މެސެޖެއް ވެސް ފޮނުވާފައިވާ ކަމަށް އީސީން ބުންޏެވެ.

އެ ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާ ނަމަ އަންނަ އާދީއްތަ ދުވަހުގެ ކުރިން އީސީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އީސީން މިއަދު ކުރި އިއުލާނުގައި ވަނީ ޖުމްހޫރީ ޕާޓީގެ 23 ފޯމާއި އެމްޑީޕީގެ 105 ފޯމު އަދި އެމްއެންޕީގެ 245 ފޯމުގައިވާ ނަންތައް އާންމުކޮށްފައެވެ.

އީސީން ސިޔާސީ ޕާޓީތަކަށް ވަންނަ މީހުންގެ ނަންތައް އާންމުކުރަން ނިންމީ، ވަގު ފޯމު ހުށަހަޅައިގެން އެހެން ޕާޓީތަކަށް މެމްބަރުން ގެންދާކަމުގެ ޝަކުވާ ސިޔާސީ ޕާޓީތަކުން ކުރުމުންނެވެ.