ކުޅިވަރު

ވަރުގަދަ ބާސާ ކައިރިން މޮޅުވެ، ލިޔޯންއިން އަންހެން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފި

އެންމެފަހުގެ ޔޫއެފާ އަންހެން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ބާސެލޯނާ ބަލިކޮށް، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ލިޔޯންއިން އަނެއްކާވެސް ތަށި އުފުލައިލައިފިއެވެ.

އިޓަލީގެ ޓުރިންގައި ރޭ ކުޅުނު ފައިނަލްގައި ލިޔޯންއިން ތަށި އުފުލައިލީ 3-1 ގެ ނަތީޖާއަކުން ބާސާ ބަލިކޮށްފައެވެ. ލިޔޯންއިން ބާސާ ބަލިކޮށްފައިވާ އިރު، ރޭގެ މެޗަށް ނުކުތް އިރު ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ބަލައިފައިވަނީ ބާސާ އެވެ. އެއީ މެޗަކުން ބަލިނުވެ ލީގުވެސް ނަގައިފައިވުމާއެކުގައެވެ. އަދި މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ނަގައިފައި އޮތީވެސް ބާސާ ކަމުގައިވުންވެސް އެކަމުގެ ސަބަބުތަކުގައި ހިމެނެއެވެ.

ރޭގެ މެޗު ލިޔޯންއިން ފެށީ ވަރުގަދަކޮށެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ލިޔޯންގެ ފަރާތުން ފެނުނީ ހައި ޕްރެސިން ގޭމެކެވެ. ފުރަތަމަ ހާފުގައި އެޓީމުން ތިން ގޯލު ޖެހިއެވެ. އެޓީމުގެ ގޯލުތައް ޖެހީ އަމަންޑީން ހެންރީ އާއި އެޑާ ހެގާބާގު އަދި ކަޓަރީނާ މަކާރިއޯއެވެ. ރޭގެ މެޗުގައި އެޑާ ޖެހި ގޯލަކީ ޗެމްޕިއަންސް ލީގުގައި އޭނާ ކުޅުނު 60 މެޗުން ޖެހި 59 ވަނަ ގޯލެވެ.

ދެވަނަ ހާފުގައި ބާސާގެ ހަމައެކަނި ގޯލު ޖެހީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެލީޒިއާ ޕޫޓެލާސް އެވެ.

މިހާތަނަށް އަންހެން ޗެމްޕިއަންސް ލީގު އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ލިޔޯން އެވެ. ލިޔޯން އިން ވަނީ މިހާތަނަށް އަށް ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ. އެޓީމުން ވަނީ 2016 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު ފަސް ފަހަރަށް ޔޫއެފާ އަންހެން ޗެމްޕިއަންސް ލީގު ހޯދައިފައެވެ.