ޚަބަރު

އުމުރަށް ޖަލަށްލުމަށްފަހު ދޫކޮށްލި ފަހުން ޑްރަގް ޓްރެފިކިން މައްސަލައިގައި ހައްޔަރުކުރި ނަޝީދުގެ ބަންދަށް 4 ދުވަސް

އިބްރާހިމް ޒަކީ

ޑްރަގުގެ މައްސަލައެއްގައި މީގެ ކުރިން އުމުރަށް ޖަލަށްލާން ހުކުމްކުރުމަށްފަހު، ޕެރޯލްގެ ދަށުން ދޫކޮށްލުމުން، ޑްރަގް ޓްރެފިކިން މައްސަލައިގައި އަނެއްކާވެސް ހައްޔަރުކުރި މއ. ނޫރުއް، އަބްދުﷲ ނަޝީދު، 46އ ގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކުރިމިނަލް ކޯޓުން މިފަހަރު އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އެންމެ ހަތަރު ދުވަހަށެވެ.

އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވުމާއި، އޭނާ މަސައްކަތްކުރާ އޮފީހުން މައްސަލައާ ގުޅުން ހުރި ލިޔުންތައް ފެނިފައިވުމުގެ އިތުރުން ސީންއަށް ދިޔަ ފުލުހުންގެ ބަޔާނާއި، ހެކިވެރިއެއްގެ ބަޔާނާއި، އިންޓަލިޖަންސް ރިޕޯޓާއި، ކޯލް ޗާޓާއި، މި މައްސަލައާ ގުޅިގެން ފުލުހުން ބަލައި ފާސްކުރި ގެއިން 42 ކިލޯގެ މަސްތުވާތަކެތި ހުރުމުން އޭނާގެ މައްޗަށް ތުހުމަތު ކުރާ މައްސަލައިގެ ހެކި ހުރިކަމަށް ކޯޓަށް ބުރަވެވޭ ކަމަށެވެ.

ނަޝީދަކީ ޑްރަގުގެ މައްސަލައެއްގައި 2006 ވަނަ އަހަރު އުމުރަށް ޖަލަށް ލާން ހުކުމްކުރި މީހެކެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން، މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބޭނީ އެ މީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވާ ނަމައެވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމާ ގުޅޭ މައްސަލަތަކުގައި 10 ގްރާމަށް ވުރެ ދަށުން ހުކުމް ކޮށްފައިވާ މީހުންނާއި މަނާ ބޭސް ބޭނުންކުރުމުގެ ކުށުގައި ހުކުމް ކޮށްފައިވާ މީހެއް ނަމަ އެ މީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކޮށް، ޕެރޯލްގެ ދަށުން އަދަބު ލުއިކޮށްދިނުމަށް އެދެވޭނެއެވެ.

ޕެރޯލްގެ ދަށުން ޝަރުތުކޮށް ދޫކޮށްލާ އިރު، ވަކި ކަންކަމަކަށް ވެސް ޕެރޯލްގެ ބޯޑުން ޝަރުތުކުރެވޭނެއެވެ. އޭގެ ތެރޭގައި ގޭގައި ބަންދުކުރަން ނުވަތަ ދިރިއުޅޭ ސަރަހައްދުން ބޭރަށް ނުދިއުމަށް އެންގުމާއި ޕެރޯލްގެ މުއްދަތުގައި ކުށެއްގެ ތުހުމަތުގައި އޭނާ ހައްޔަރުނުކުރުމާއި ޕެރޯލް ބޯޑުން ކަނޑައަޅާ ވަކި ގަޑިތަކަކަށް ވަކި ކަންތައްތަކެއް ކުރުން ހިމެނެއެވެ.

އެ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ ޕެރޯލް ސަސްޕެންޑުކުރާނެއެވެ. އޭރުން އެ ގައިދީއަކު ޖެހޭނީ، އަލުން ޕެރޯލް މުރާޖައާ ކުރަންދެން އެނބުރި ޖަލަށް ދާށެވެ.