ޚަބަރު

ކޮވިޑު ފަދަ ލޮޅުންތަކަށް މުވައްޒަފުން ތައްޔާރުކުރަން ޖެހޭ: ނައިބު ރައީސް

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އެތައް ކަމެއް ދަސްވެފައިވާ ކަމަށާއި ކުރިއަށްއޮތް ތަނުގައި ވެސް އެފަދަ ލޮޅުންތަކަށް މުވައްޒަފުން ތައްޔާރުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2022 ފެށުމަށް ގައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކޮވިޑާ ގުޅިގެން މަސައްކަތްކުރާ ގޮތުގެ ކޮންމެ ކަމަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި އިންސާނީ ވަސީލަތްތަކާއި ހުނަރު ތަރައްގީކުރުމާ ގުޅޭ އެންމެ ރަނގަޅު އުސޫލުތަކާ ބެހޭގޮތުން އާ މަޝްވަރާތަކެއް ކުރުން ކުރިއަށްވުރެ މިހާރު މާ މުހިންމު ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި ދިމާވާ މިފަދަ ލޮޅުންތަކަށް ކެތްތެރިކަން ބިނާކުރުމަށްޓަކައި ވަޒީފާދޭ ފަރާތްތަކުން އިތުރު ކެޕޭސިޓީ ބިލްޑިން ބޭނުންވާ ދާއިރާތައް ދެނެގަންނަން ޖެހޭ. އަދި މި ބާވަތުގެ އަސަރުތަކަށް މާބޮޑަށް ދިފާއުވާ އަޅުގަނޑުމެންގެ ޓީމު ތައްޔާރުކުރުމަށްވެސް މަސައްކަތް ކުރަންޖެހޭނެ. މި ކޮންވެންޝަނަކީ މި މަޝްވަރާތައް ފެށުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ކިތަންމެ ގޮންޖެހުން ބޮޑުވި ނަމަވެސް މި ބަލިމަޑުކަމުން މުހިންމު ފިލާވަޅުތަކެއް ލިބިފައިވާ ކަމަށާއި ވަޒީފާ ދޭ ފަރާތާއި މުވައްޒަފުންނަށް ވެސް ގިނަގުނަ ކަންތައްތަކެއް ދަސްވެގެންދިޔަ ކަމަށެވެ.

"އުފެއްދުންތެރި ވުމަށްޓަކައި ކޮންމެ މުވައްޒަފަކު މޭޒުދޮށުގައި އިށީނދެގެން ތިބެން ނުޖެހޭކަން އަޅުގަނޑުމެންނަށް އެނގުނު. ޓެކްނޮލޮޖީ ފުރިހަމައަށް ބޭނުން ކުރަން އަޅުގަނޑުމެންނަށް ދަސްވެއްޖެ. އަދި މުވައްޒަފުންގެ ސިއްހަތާއި ޖިސްމާނީ ރައްކާތެރިކަމާ އެއްވަރަށް ނަފުސާނީ ސިއްހަތާއި ދުޅަހެޔޮކަމަކީ މުހިންމު ކަމެއްކަން އަޅުގަނޑުމެންނަށް އެނގިފަ އެބަހުރި،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ފެންވަރު ރަނގަޅު ތައުލީމާއެކު މުވައްޒަފުންނަށް އިތުބާރު އުފެއްދުމާއި ލީޑަޝިޕާއި ފަންނީ ހުނަރުތައް މަސައްކަތުގެ މާހައުލުން ފުރިހަމަ ކުރުމުގެ ފުރުސަތުތައް ލިބުމަކީވެސް މުހިންމު ކަމެއް ކަމަށެވެ. އަދި އެ މުވައްޒަފުންނަށް އަމާން، ފަހި މަސައްކަތުގެ މާހައުލެއް ލިބިގެންދާނެކަންވެސް ކަށަވަރުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސަސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރުޕީ) އިން އިންތިޒާމުކޮށްގެން ބާއްވާ ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ދެ ދުވަހުގެ ނިޔަލަށް ގައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައެވެ.