ޚަބަރު

މާމުނަގައު ރިސޯޓުގެ އިމާރާތަކުން ވެއްޓި ދިވެހި ޒުވާނަކު މަރުވެއްޖެ

ރިފާ ހަލީލު

ރ. އަތޮޅުގައި ހިންގަމުން އަންނަ އިންޓަ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގެ އިމާރާތަކުން ވެއްޓުނު ދިވެއްސަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ޒައިދު އިބްރާހިމް އެވެ.

ރ. އުނގޫފާރު ހޮސްޕިޓަލްގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް "ވަން" އަށް މިއަދު ވިދާޅުވީ ރޭ ދަންވަރު 1:50 ހާއިރު ޒަހަމްތަކަކާއެކު ދިވެހި ޒުވާނަކު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

ފަޒީލް ވިދާޅުވީ ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި އޭނާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވީ ނަމަވެސް އޭގެ ތަފުސީލެއް ދެވެން ނެތް ކަމަށް ވިދާޅުވި އެވެ.

ފަޒީލް ވިދާޅުވީ ހޮސްޕިޓަލުން އޭނާގެ ސީޓީ ސްކޭން އާއި އެކްސްރޭ ނެގުމަށްފަހު، އޭނާގެ ހަށިގަނޑު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން މިއަދު ހެނދުނު 6:15ގައި މާލެ ގެނެސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ރ. އަތޮޅު ރިސޯޓެއްގައި އިމާރާތެއްގެ ހަތަރު ވަނަ ބުރިން ދިވެހި ފިރިހެނަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު ރޭ 12:49ގައި ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެމީހާ އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.