ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ސަރަހައްދުގައި ހުއްދަ ނެތި ހިންގަމުން ގެންދިޔަ ގާޑިޔާތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގައިފިއެވެ.

ހިޔާ ފްލެޓް ސަރަހައްދަކީ ވަރަށް ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރަމުންދާ ސަރަހައްދަކަށްވާތީ، ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ދަށްވެފައި، އެފަދަ ތަންތަނުންދޭ ހިދުމަތްތަކުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބުމުން، ގާޑިޔާ ނެގުމަށް އެޗްޑީސީން އެންގީ މިދިޔަ މަހުގެ ތިން ވަނަ ދުވަހުއެވެ.

އެ އިއުލާނުގައިވާ މުއްދަތު ދެ ފަހަރެއްގެ އެޗްޑީސީން ވަނީ އިތުރުކޮށްފައެވެ. ނަމަވެސް މުއްދަތު ހަމަވި އިރުވެސް ހިޔާ ސަރަހައްދުގައި ހުރި ގާޑިޔާތައް ނަގާފައި ނުވާތީ، އެޗްޑީސީން ވަނީ މި ހަފުތާ ތެރޭގައި ގާޑިޔާތައް ނަގަން ފަށައިފައެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރު މިރޭ "ވަން" އަށް ވިދާޅުވީ، ގާޑިޔާތައް ނެގުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ގާޑިޔާތައް ނެގުމުގެ މަސައްކަތް އެޗްޑީސީން ފެށީ ކުއްލިއަކަށް ނޫން ކަމަށެވެ.

މަޝާރު ވިދާޅުވީ، އިއުލާނުގައިވާ މުއްދަތު ހަމަވުމުން އިތުރު އެންގުމަކާ ނުލައި އެތަންތަން ނަގާނެކަން އަންގާފައިވާނެ ކަމަށެވެ.

"ކަމާބެހޭ އިދާރާތަކުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް، ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ދަށްވެފައި، ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ޝަކުވާ ވަނީ ލިބިފައި، އެހެންވެ ނަގަން އަންގާފަ ވަނީ،" މަޝާރު ވިދާޅުވިއެވެ.

މަޝާރު އިތުރަށް ވިދާޅުވީ ހިޔާ ސަރަހައްދުގައި ގާޑިޔާ ހިންގުމާ ގުޅޭގޮތުން އެޗްޑީސީން ޕްލޭނެއް ތައްޔާރުކޮށް ނިމިފައިވާ ކަމަށެވެ. އަދި އެ ޕްލޭން ވަރަށް އަވަހަށް މީޑިއާތަކާ ހިއްސާކުރާނެ ކަމަށެވެ.