ޚަބަރު

ގައުމުގެ މުސްތަގުބަލު ބިނާ ކުރެވޭނީ ޒުވާނުންގެ މައިބަދައިގައި ވަރުހުރި މިންވަރަކުން: އިމްރާން

އަލީ ޔާމިން

ގައުމުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ގައުމުގެ ޒުވާން ޖީލުގެ ކިބައިގައި މަތިވެރި ސިފަތައް ހުރެގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔޫތް ލީޑާސް ފޯރަމް ފެށުމަށް ށ. މިލަންދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ އަތޮޅުގެ ޒުވާނުންނާ ބައްދަލުކުރައްވައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ހޯމް މިނިސްޓްރީގެ ފަރާތުން ޔޫތް ލީޑާސް ނެޓްވޯކްގެ ނަމުގައި ނެޓްވޯކެއް އުފައްދައި ޒުވާން ލީޑަރުން ބިނާކުރުމަށް މިފަދަ ފޯރަމްތައް ހިންގަނީ ހޯމް މިނިސްޓްރީއާ މަތިކޮށްފައިވާ ގައުމުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޒުވާނުންގެ ދައުރު ބޮޑުވުމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ ގައުމެއްގެވެސް މުސްތަގުބަލު ބިނާ ކުރެވޭނީ އެގައުމެއްގެ ޒުވާނުންގެ މައިބަދައިގައި ވަރުހުރި މިންވަރަކަށް ކަމަށެވެ. ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލަކީ ހަށިގަނޑު ހެޔޮ، ރޫފަހުރި, އިލްމީ ގާބިލްކަމާއި ފަންނާއި ހުނަރުވެރިކަންހުރި އަދި މަސައްކަތްތެރިކަމާއި މުރާލިކަންހުރި ރިވެތި އަހުލާގާއި ސުލޫކުން ޒީނަތްތެރިވެގެންވާ ބައެއްނަމަ އެ ގައުމުދާނީ ބާރަށް ކުރިއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަކީ ކާބަފައިންގެ ކިބައިން މިހާތަނަށް ހިމާޔަތްކުރެވި ރައްކާތެރިކުރެވިގެންވާ ގައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދިވެހިންގެ މެދުގައި ދިމާވި ދަތި ކޮންމެ ބޮޑު އުނދަގޫކަމެއް އަދި ރާއްޖެއަށް ދިމާވި ބޮޑު ކޮންމެ ގޮންޖެހުމަކާ ކުރިމަތިލައިގެން ނުކުމެފައި ވަނީ ޒުވާން ހިތްވަރުގަދަ ބަތަލެއް ކަމަށެވެ.

"ބައެއްގެ މެދުގައި މުރާލިކަމާއި ކެރުންތެރިކަން ފެތުރިއްޖެނަމަ އެބައެއްގެ މެދުން ކަންނެއްކަމާއި, ފިނޑިކަން ނެތިވެ ހިނގައިދާނެ. ބައެއްގެ މެދުގައި ޝަރީއަތާއި ގާނޫނަށް ތަބާވުން އަށަގެންފިކަމަށްވާ ނަމަ އެބައެއްގެ މެދުން އަނިޔާވެރިކަމާއި ކުށްކުރުމާއި ޖަރީމާތަކުން ނެތިވެ ސަލާމަތްވާނެ. އަޅުގަނޑުމެން ބޭނުންވަނީ ބަލިވުމުގެ ކުރިން ފުރިހަމަ ސިއްހަތާއި އާފިޔަތް ލިބިގަންނަން. ދުޅަހެޔޮ ރަނގަޅު ހެޔޮފަސްގަނޑެއްގައި ގޮވާން ހައްދަން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ހޯމް މިނިސްޓްރީން މަސައްކަތްކުރަނީ ރާއްޖެއަކީ ކުށްމަދު އަމާންތަނަކަށް ހެދުމަށް ކަމަށެވެ.