ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމަށް، އެމްޓީސީސީން މިއަހަރުގެ ތެރޭގައި އިތުރު ދެ ޑްރެޖާ (ކޮންނަ ބޯޓު) ގެންނާނެ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި އެމްޓީސީސީގެ 2021 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާއަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، އެމްޓީސީސީން ތައްޔާރުވަމުން އަންނަނީ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ކަމަށާއި އެގޮތުން ކުރިއަށް އޮތް ތިން އަހަރާއި ފަސް އަހަރުގެ ތެރޭގައި އެކުންފުންޏަކީ ބިޔަ ބުރިޖުތައް އެޅޭ ފެންވަރުގެ ކުންފުންޏަކަށް ވެގެންދާނެ ކަމަށެވެ.

އެމްޓީސީސީގެ އަމާޒަކީ ކޮންމެ އަހަރެއްގެ ފައިދާއަށްވެސް 50 މިލިއަން ރުފިޔާ އިތުރުކުރުންކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، މިއަހަރު އެމްޓީސީސީގެ އަމާޒަކީ 300 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ހޯދުން ކަމަށާއި އަންނަ އަހަރުގެ އަމާޒަކީ 350 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ހޯދުން ކަމަށެވެ.

"މީގެ ކުރިން އެމްޓީސީސީއަކީ، ގާތްގަނޑަކަށް 50 މިލިއަނުން ފައިދާ ނިންމާލާ ކުންފުންޏެއް. ނަމަވެސް އަޅުގަނޑުމެންގެ މިހާރުގެ އަމާޒަކީ ކޮންމެ އަހަރެއްގެ ފައިދާއަށްވެސް 50 މިލިއަން އިތުރުކުރުން" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެމްޓީސީސީގެ ފައިދާ ބޮޑުވަމުން އަންނަ އިރު، ވަސީލަތްތައްވެސް އިތުރުކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެކުންފުނީގައި 3،600 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މުޅި ފްލީޓްވެސް އާ ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"ކުރިއަށް އޮތްތާނގައި އިރާދަކުރެއްވިއްޔާ ދެ ޑްރެޖާ ޖުލައި މަހުގެ ތެރޭގައި އަޅުގަނޑުމެންނާ ޖޮއިން ކުރާނެ. އެއާއެކު ހިއްކުމުގެ މަސައްކަތްތައް ހަލުވިވެގެންދާނެ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، އެމްޓީސީސީއަކީ މީގެ ކުރިން އެއް ފަހަރާ 20 މަޝްރޫއު ހިންގޭ ކުންފުންޏަކަށް ވިޔަސް މިއަދު އެކުންފުންޏަކީ އެއްފަހަރާ 100 މަޝްރޫއު ކުރިއަށް ގެންދެވޭނެ ކުންފުންޏަކަށް ބަދަލުކުރެވިފައިވާ ކަމަށެވެ.