ގަތަރު ވޯލްޑް ކަޕް 2022

އިކުއެޑޯރ ޑިސްކޮލިފައި ކުރިޔަސް އެޖާގަ އިޓަލީއަށް ލިބޭނެ ގޮތަކީ ނެތް ގޮތެކެވެ.

އިމާދު ލަތީފު

އިޓަލީއަކީ މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިނުވެ ކެޓި ގައުމުތަކުގެ ތެރެއިން ގައުމެކެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ބޮޑެތި ބާރުތަކުގެ ތެރެއިން މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިނުވި އެންމެ ބޮޑު ބާރަކީވެސް އިޓަލީއެވެ. ވޯލްޑްކަޕްގެ ތަށި މިހާތަނަށް ހަތަރު ފަހަރު އުފުލާލާފައިވެއެވެ. ޔޫރަޕުގެ ގައުމުތަކުގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ނުވަތަ ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަނަކީވެސް އިޓަލީއެވެ. އެހެންވީމާ މިފަހަރުގެ ވޯލްޑްކަޕަށް އިޓަލީ ކޮލިފައިނުވުމަކީ ދުނިޔޭގެ ފުޓްބޯޅައަށްވެސް ލިބުނު ސިހުމެކެވެ. އިޓަލީއާއި ނުލައި ވޯލްޑްކަޕް ފުރިހަމަ ނުވާނޭ ކަމަށް ގަބޫލުކުރާ މީހުން މަދެއް ނޫނެވެ. އެމީހުން ރެޔާއި ދުވާލު ކުރާ ފިކުރަކީ މިފަހަރުގެ ވޯލްޑްކަޕުން އިޓަލީއަށް ފުރުސަތެއް ލިބޭނޭ ގޮތެެއް އޮތްތޯ ބަލައި އެކަމުގެ ފިކުރެވެ. އެކަމުގެ ދިރާސާތަކެވެ.

މިފަހަރުގެ ވޯލްޑްކަޕުގައި ކުޅޭނީ ޖުމްލަ ބައްތިރީސް ގައުމެވެ. އޭގެތެރެއިން 29 ގައުމު މިހާރުވަނީ ހޮވި ނިމިފައެވެ. ބާކީ ތިންޖާގައަށް ވާދަކުރާ ގައުމުތައްވެސް ވަނީ އެނގިފައެވެ. އިޓަލީއަށް ވޯލްޑްކަޕުން ފުރުސަތެއް ލިބުނަސް ލިބޭނީ މިހާރު ކޮލިފައިވެފައިވާ ޓީމުތަކުގެ ތެރެއިން ޓީމެއް ޑިސްކޮލިފައިކޮށްފައި އެޖާގަ އިޓަލީއަށް ދީފިއްޔާއެވެ. އެކަމަކު މިއީ ވަރަށްވެސް ދުރުކަމެކެވެ. ވޯލްޑްކަޕަކީ އެކި ކޮންފެޑެރޭޝަންތަކަށް ވަކި އަދަދެއްގެ ޖާގަތަކެއް ހަމަޖެހިގެން އެއަދަދަށް ކޮންމެ ކޮންފެޑެރޭޝަނަކުންވެސް ޓީމުތައް ކޮލިފައިވެގެން ކުޅޭ މުޅި ދުނިޔޭގެ މުބާރާތެކެވެ. އިޓަލީ ނިސްބަތްވަނީ ޔޫރަޕަށެވެ. ޔޫރަޕަށް ކަނޑައެޅިފައިވަނީ ޖުމްލަ ތޭރަ ޖާގައެވެ. އިޓަލީއަށް ފުރުސަތެއް ލިބުނަސް ލިބޭނީ ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން މިހާރު ކޮލިފައިވެފައިވާ ކޮންމެވެސް ގައުމެއް ޑިސްކޮލިފައިވެގެންނެވެ.

ދެކުނު އެމެރިކާ ސަރަހައްދުން ކޮލިފައިވެފައިވާ ހަތަރު ގައުމުގެ ތެރެއިން އިކުއެޑޯރު ޑިސްކޮލިފައިކުރަން ޖެހިދާނޭ ކަހަލަ ބޮޑު މައްސަލައެއް ފީފާއިން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އެއީ ކޮލިފައިން ބުރުގައި އޮޅުވާލައިގެން ވަގު ލިޔުންތަކެއް އުފައްދައިގެން އެހެން ގައުމަކަށް ނިސްބަތްވާ ކުޅުންތެރިޔަކު އިކުއެޑޯރުގެ ޓީމުގައި ހިމަނައިގެން ކުޅުވުމުގެ މައްސަލައެކެވެ. މި މައްސަލައިގައި އިކުއެޑޯރ ކުށްވެރިވާކަމަށް ނިންމައިފިނަމަ ވޯލްޑްކަޕުން އިކުއެޑޯރ ބޭރުކުރުމަކީ ނުހަނު ކައިރިކަމެކެވެ. އެޖާގަ އިޓަލީއަށް ލިބިދާނޭކަމުގެ އުއްމީދުގައި އިޓަލީގެ ނޫސްވެރިންނާއި ސަޕޯޓަރުން ގެންދަނީ ކެމްޕޭނެއް ހިންގަމުންނެވެ. އިކުއެޑޯރ ޑިސްކޮލިފައި ކުރިޔަސް އެޖާގަ އިޓަލީއަކަށް ނުލިބޭނެއެވެ. ލިބޭނެ ހަމައެއް، އުސޫލެއްވެސް ނެތެވެ.

އިކުއެޑޯރ ޑިސްކޮލިފައިކޮށްފިނަމަ އެޖާގަ ދޭނީ ދެކުނު އެމެރިކާ ސަރަހައްދުގެ އެހެން ގައުމަކަށެވެ. އެއީ ދެކުނު އެމެރިކާ ސަރަހައްދުގެ ޖާގައެކެވެ. އެޖާގަ ލިބުން ގާތީ ޗިލީއަށެވެ. ޗިލީއަކީ ދެކުނު އެމެރިކާ ޒޯނުގެ ކޮލިފައިން ބުރު ނިމުނުއިރު ހަވަނައިގައި ލައްވާލި ގައުމެވެ. ފަސްވަނައަށް ދިޔަ ޕެރޫއަށް އެއޮތީ ޕްލޭއޮފްގެ ޖާގައެއް ލިބިފައެވެ. ޕެރޫ ކޮލިފައިވާނީ އޮސްޓްރޭލިޔާ ނުވަތަ ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ ވާދަކޮށް މޮޅުވެއްޖެނަމައެވެ. ވޯލްޑްކަޕުގެ ޖާގަ މިހާތަނަށް ކަށަވަރުވީ ދެކުނު އެމެރިކާގެ ޓޮޕް ހަތަރު ޓީމަށެވެ. އިކުއެޑޯރަކީ ހަތަރުވަނަ ޓީމެވެ. އިކުއެޑޯރު ޑިސްކޮލިފައިކޮށްގެން ޖާގައެއް ހުސްވިޔަސް އެޖާގަ ޔޫރަޕަކަށް ނުދޭނެއެވެ. އެއީ ދެކުނު އެމެރިކާގެ ކޮންފެޑެރޭޝަނުން އެއްބަސްވާނެ ކަމެއް ނޫނެވެ. އެއީ ފީފާއަކަށްވެސް މިހެން ހަމަތިބެފައި ނިންމޭނޭ ކަމެއް ނޫނެވެ.

ވޯލްޑްކަޕަށް މިހާރު ކޮލިފައިވެފައިވާ ގައުމުތަކުގެ ތެރެއިން ކޮންމެ ގައުމެއް ކޮންމެ ސަބަބަކާ ލައިގެން ޑިސްކޮލިފައި ކުރިއަސް އެޖާގަ ދޭނީ އެ ޖާގައިގެ މިލްކުވެރި ކޮންފެޑެރޭޝަނަށް ނިސްބަތްވާ އެހެން ގައުމަކަށެވެ. މިސާލަކަށް އީރާނު ޑިސްކޮލިފައި ކޮށްފިއްޔާ އެޖާގަ އޭޝިޔާގެ އެހެން ގައުމަކަށެވެ. ސެނެގޯލް ޑިސްކޮލިފައި ކޮށްފިއްޔާ އެޖާގަ އެފްރިކާގެ އެހެން ކޮންމެވެސް ގައުމަކަށެވެ. ވަކި ކޮންފެޑެރޭޝަނަކަށް ނިސްބަތްވާ ޖާގައެއް ހުސްވީމާ ދުނިޔޭގެ ރޭންކިންގެ އެންމެ މަތީ ގަައުމުތަކުގެ ތެރެއިން ވޯލްޑްކަޕަށް ކޮލިފައިނުވީ ކޮންބައެއްތޯއާއި ވޯލްޑްކަޕުގައި އެންމެ ގިނަ ކާމިޔާބީ ހޯދާފައިވާ ގައުމުތަކުގެ ތެރެއިން ކޮލިފައިނުވެ ތިބީ ކޮންބައެއްތޯއާއި އެންމެ މުއްސަނދީ އަދި އެންމެ މަޝްހޫރީ ކޮން ޓީމެއްތޯ ބަލައި އެބަޔަކަށް ހަދިޔާ ދިނުމުގެ އުސޫލެއް ފީފާއަކުން ނުގެންގުޅެއެވެ.

ފީފާގެ މިހާރުގެ ރައީސަކީ އިޓަލީގެ އާއިލާއަކަށް ނިސްބަތްވާ އަދި އިޓަލީގެ ނަމެއްކިޔާ ސުވިޒަލެންޑުގެ ރައްޔިތަކަށްވެގެން އިޓަލީއާ ދޭތެރޭ ޚާއްސަ ކުލުނެއް އޮވެގެން އޭނާއަކަށް އެހެން ބައެއްގެ ޖާގައެއް ފޭރިގެންފައި އިޓަލީއަކަށް ނުދެވޭނެއެވެ. މިކަން ފީފާއިންވެސް ރަސްމީކޮށް އިޓަލީއަށް ވަނީ އަންގައިފައެވެ. އިކުއެޑޯރ ޑިސްކޮލިފައި ކުރިއަސް އެޖާގަ އިޓަލީއަށް ލިބޭނޭ ކަމަށް ހީނުކުރުމަށް ވަނީ އަންގައިފައެވެ. އިޓަލީގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ގަބްރިއެއްލާ ގްރަވީނާ ވަނީ މިކަން ކަށަވަރުވެސް ކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ މިފަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕުން އިޓަލީ ފެނުމުގެ ފުރުސަތު ހަމަ ސުމެއް ކަމުގައެވެ. ޔޫރަޕަށް ލިބިފައި ވަނީ ތޭރަ ޖާގަ ކަމަށާއި އެ ތޭރަ ޖާގަ އެކި ގައުމުތަކުން ކަށަވަރުކޮށްފި ކަމަށްވެސް ގްރަވީނާ ވިދާޅުވިއެވެ.