އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ނަސްރަތު މުހައްމަދާއި މުހައްމަދު އިމްރާން އަދުނާން އައްޔަނުކޮށްފިއެވެ.
ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި އެމްޓީީސީސީގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ނިންމީ، މިހާރުވެސް ސަރުކާރުގެ ފަރާތުން އެމްޓީސީސީގެ ބޯޑުގައި ތިބި ފަސް ޑިރެކްޓަރުންނަށް އިތުރު ދައުރެއް ދިނުމަށެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ހަތަރު ނަމެއް ހުށަހެޅިއެވެ. ނަމަވެސް އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ފާސްކުރީ ތިން ނަމެކެވެ. އެއީ ނަސްރަތު މުހައްމަދާއި މުހައްމަދު އިމްރާން އަދުނާނުގެ އިތުރުން އަބްދުﷲ ސައީދެވެ.
އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ފާސްކުރީ، އާންމު ހިއްސާދާރުންގެ ތެރެއިން ނަސްރަތު މުހައްމަދާއި އިމްރާން އަދުނާނު ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރުމަށެވެ.
އެމްޓީސީސީގެ ޑިރެކްޓަރުންގެ ދައުރަކީ ދެ އަހަރު ދުވަހެވެ.
ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމްއެންއެސްއެލް ހިއްސާވާ އެމްޓީސީސީއަކީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް މުއާމަލާތް ކުރާ އެންމެ ދުވަސްވީ އެއް ކުންފުންޏެވެ.
އެމްޓީސީސީގެ ޝެއާ ސްޓްރަކްޗަރަށް ބަލާ އިރު، ކުންފުނީގެ 64.20 ޕަސަންޓު ހިއްސާ އޮންނަނީ ދިވެހި ސަރުކާރުގައެވެ. އަދި ކުންފުނީގެ 4.65 ޕަސަންޓު ހިއްސާ އޮންނަނީ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑަށެވެ. އާންމު ހިއްސާދާރުން ކޮންޓްރޯލުކުރަނީ ކުންފުނީގެ 31.15 ޕަސަންޓު ހިއްސާއެވެ.