ޚަބަރު

އެސްޓީއޯއިން ވިއްކާ އިލެކްޓްރޯނިކްސްގައި "ހަކަތަރި" ލޭބަލް ޖަހަން ފަށައިފި

މުހައްމަދު ޖަމްޝަތް ވަހީދު

އެސްޓީއޯއިން ރާއްޖެއަށް އެތެރެކުރާ އިލެކްޓްރޯނިކްސް ސާމާނުތަކުގައި ހަކަތަ ސަމަކާރަ (އެނާޖީ އެފިޝަންޓް) މިންވަރު ބުނެދޭން "ހަކަތަރި" ސްޓިކާ ބޭނުން ކުރަން ފަށައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެސްޓީއޯގެ ޕްރޮޑަކްޓް ތަކުގައި ހަކަތަރި ލޭބަލް ބޭނުންކުރުމުގެ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި އެސްޓީއޯގެ މެނާޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސެން އަމްރުއެވެ.

"ހަކަތަރި" ޕްރޮގްރާމަކީ ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ ހާއްސަ މިންގަނޑަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، ކަރަންޓު ސާމާނުގެ އެނަޖީ އެފިޝިއެންޓް މިންވަރު ދެނެގަތުމުގެ މަގުސަދުގައި އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމެކެވެ.

ހަކަތަރި ލޭބަލްގެ ބޭނުމަކީ ކަރަންޓު ސާމާނު ބޭނުންކުރާ ހަކަތައިގެ މިންވަރު ބަޔާންކޮށް، އެންމެ އެނާޖީ އެފިޝަންޓް ތަކެތި ދެނެގަތުމެވެ. އެއް ތަރިން ފެށިގެން ގޮސް ފަސް ތަރިއަށް ލޭބަލްގެ މަތީގައި ފެންނަން އިންނަ ހަކަތައިގެ މީޓަރުން އެ އެއްޗެއްގެ އެފިޝަންޓް މިންވަރު ދޭހަކޮށްދޭނެއެވެ.

ތަރި ގިނަވާ ވަރަކަށް އެ އެއްޗެއްގެ އެފިޝިއަންޓް މިންވަރު ވެސް މަތިވާނެއެވެ. އެންމެ އެނަޖީ އެފިޝަންޓް ކަރަންޓު ސާމާނަށް ލިބޭނީ ފަސް ތަރިއެވެ. އެފިޝިއަންސީ ލެވެލް މަތިވާ ވަރަކަށް އެ އެއްޗަކުން ބޭނުންކުރާ ކަރަންޓުގެ މިންވަރު މަދުވާނެއެވެ. އަދި ކޮންމެ އަހަރަކު ބޭނުންކުރާނެ ކަރަންޓުގެ މިންވަރު ވެސް ހަކަތަރި ލޭބަލުން ފެންނަން ހުންނާނެއެވެ.

އެ ލޭބަަލް ފުރަތަމަ ބޭނުން ކުރަނީ ތިން ބާވަތެއްގެ ކަރަންޓު ސާމާނުގައެވެ. އެއީ އޭސީ، އައިސް އަލަމާރި އަދި ދޮންނަ މެޝިނުގައެވެ. އެސްޓީއޯއިން ވިއްކާ މި ތިން ބާވަތުގެ އިލެކްޓްރޯނިކް ސާމާނުގައިވެސް މިހާރު ހަކަތަރި ލޭބަލް ހަރުކޮށްފައި ހުންނާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖެއަކީ ހުރިހާ ކަމަކަށްވެސް އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވާ އިރު، ކޮންމެ އަހަރަކު ރާއްޖޭގެ އުފެއްދުންތެރިކަމުގެ 10 ޕަސެންޓާ އެއްވަރަށް ތެލަށް ހަރަދުކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއިން ހަކަތަ ބޭނުންކުރާ އިރު، ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ރާއްޖޭގައި އެނާޖީ އެފިޝަންޓް ވަސީލަތްތަކާއި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޖުމްލަ ހާސިލުކުރަން މިއުޅޭ އެންމެ ބޮޑު މަގުސަދަކީ ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުން. އޭގެ އިތުރުން އާއްމު ރައްޔިތުން ކަރަންޓަށް ހޭދަކުރާ މިންވަރުވެސް މިފަދަ ޕްރޮޑަކްޓް ތަކުގެ ސަބަބުން ކުޑަވެގެން އެބަދޭ،" ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ހަކަތަރި ޕްރޮގުރާމް ރަނގަޅަށް ތަންފީޒުކޮށް ކުރިއަށް ގެންދެވިއްޖެ ނަމަ، ރާއްޖެއިން ކަރަންޓު ބޭނުންކުރާ މިންވަރުން 147 މެގަވޯޓް ދަށްކުރެވޭނެ ކަމަށެވެ.

އެސްޓީއޯ ފަދަ ކުންފުންޏަކުން ހަކަތަރި ލޭބަލް ބޭނުންކުރަން ފެށުމަކީ އެ ޕްރޮގްރާމަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް ކަމަށާއި އޭގެ ސަބަބުން އާއްމު ރައްޔިތުންވެސް މި ޕްރޮގްރާމަށް ހޭލުންތެރިވުން އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަރާއްޖެއަށް ކަރަންޓު ސާމާނު އެތެރެކުރާ ފަރާތްތައް ހަކަތަރި ޕްރޮގުރާމްގައި ބައިވެރިވުމަށް މިނިސްޓަރު ޝައުނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ހަކަތަރި ޕްރޮގްރާމު އެކުލަވާލައިފައި ވަނީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް)ގެ އެހީއާ އެކު އދ. ގެ ތިމާވެއްޓާ ބެހޭ ޖަމިއްޔާ, ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމު (ޔޫއެން އެންވަޔަރަމަންޓް) އާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީން ހިންގަމުން އަންނަ "ސްޓްރެތެނިން ލޯ ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫއުގެ ދަށުންނެވެ.